ކ. މާލެ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 17:01
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު- މަހުލޫފު ވަނީ ދައުވާއަށް އިންކާރު ކުރައްވާފައި
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު- މަހުލޫފު ވަނީ ދައުވާއަށް އިންކާރު ކުރައްވާފައި
ރައްޔިތުންގެ މަޖިލިސް
ޔޫތު މިނިސްޓަރ މަހުލޫފުގެ މައްސަލަ
މަހުލޫފުގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެތޯ، ދެން އޮންނަ އަޑުއެހުމެއްގައި ކަނޑައަޅުއްވަނީ
ދައުވާ ސާފުކޮށް، ދައުވާއަށް ޖަވާބުދާރީ ވުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައި
މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފައި
މިއީ ނަގުދު ފައިސާ ދީގެން ގަނެފައިވާ ޑޮލަރުކަމަށް ދިފާއުން ބުނޭ

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން އުފުލާފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެކަމާމެދު ގޮތެއް ނިންމަވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ދައުވާ ސާފުކޮށް، ދައުވާއަށް ޖަވާބުދާރީ ވުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފައެވެ.

މަހުލޫފު ދައުވާއަށް އިންކާރު ކުރުމާ ގުޅިގެން ދެފަރާތުގެވެސް އެދުމުގެ މަތިން ހެކި ހާމަ ކުރުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދައުލަތުން ޝަފަހީ 6 ހެއްކަކާއި ކިތާބީ 24 ހެއްކެއް ވަނީ ހުށައަޅާފައެވެ. އަދި ދިފާއުން ޝަފަހީ 1 ހެއްކަކާއި، ކިތާބީ 4 ހެއްކެއް ވަނީ ހުށައަޅާފައެވެ.

ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ތެރޭގައި އެސްއޯއެފްގެ ރިސިޓަކާ ގުޅިގެން ހުށައަޅާފައިވާ ސްރީލަންކާގެ ރައްޔިތަކާއި، މި މައްސަލައިގެ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރި ފުލުސް އޮފިސަރަކާއި، އެ ރިޕޯޓު އެނަލައިޒް ކުރި ބޭރުގެ ފަރާތަކާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފު (މޮހޯ), އަދި މ. ލޭންޑްއޮފްގާޑްން، އަހުމަދު އިޝްފާހް އަލީ ހިމެނެއެވެ.

ދިފާއުން ޝަފަހީ ހެކިންގެ ގޮތުގައި ހުށައަޅާފައިވަނީ މަހުލޫފުގެ އާއިލާ މެމްބަރެއްކަމަށްވާ އަލީ މުބީނެވެ.

ދެފަރާތުން ހެކި ހާމަ ކުރުމަށްފަހު ތަފްސީލީ ގޮތެއްގައި ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާފަައިވެއެވެ.

ދަ ޖީންސް ފިހާރަައިގައި، 33 ހާސް އެމެރިކާ ޑޮލަރު ގަތުމުގެ މާލީ ގާބިލުކަމެއް ނެތް

އެސްއޯއެފްއިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގަައި ޖަމާ ކޮށްފައިވާ ފައިސާ ކަމަށް, އެކަމާގުޅިގެން ނެރުނު ބަޔާނެއްގައި މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ޓްވީޓާއެކު ނެރުނު ބަޔާނެއްގައި މަހުލޫފު ވިދާޅުވީ, އެ މުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ. އަދި އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ، މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ. "ދަ ޖީންސް" ފިހާރައަކީ މަހުލޫފުގެ އާއިލީ ވިޔަފާރިއެއް ކަމަށް ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފައެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައިވެސް މަހުލޫފުގެ ފަރާތުން ބުނެފައިވަނީ މިއީ ކަނޑައެޅިގެން ސައްހަ, ޑޮލަރު މާރު ކުރުމުގެ މުއާމަލާތަކުން ލިބިފައިވާ ފައިސާ ކަމަށެވެ.

މިއީ ނަގުދު ފައިސާ ދީގެން ގަނެފައިވާ ޑޮލަރު.
ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެ ވާހަކަތައް ނަފީ ކުރުމަށް ދައުލަތުން ހުށައަޅާފައިވާ ހެކިތަކާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، 33 ހާސް އެމެރިކާ ޑޮލަރު ގަންނަ ވަރަށް ދަ ޖީންސް ފިހާރައިގައި ފައިސާއެއް ނެތް ކަމަށެވެ. އަދި އެއީ އެހާ މާލީ ގާބިލުކަން އޮތް ފިހާރައެއް ނޫންކަން ދައުލަތުން ހުށައަޅާފައިވާ ލިއެކިއުންތަކުން ސާބިތުވާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދިފާއުން ބުނަނީ ކުށުގެ އުންސުރު ސާބިތު ކުރުމަށް ހުށައަޅާފައިވަނީ އަދީބު އެކަނިކަމަށް

މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނެއެވެ. އެހެންނަމަވެސް ދިފާއުން ބުނެފައިވަނީ 33،000 އެމެރިކާ ޑޮލަރަކީ އެސްއީއެޒް ވޯޓާގުޅިގެން ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާކަން ސާބިތުކޮށްދިނުމަށް ހުށައެޅިފައިވަނީ އެންމެ ހެއްކެއް ކަމެވެ. އެއީ އަހުމަދު އަދީބުގެ ހެކިބަސްކަން ފާހަގަ ކުރައްވައި ދިފާއީ ވަކީލުން ވަނީ, ދާދި ފަހުން ސުޕްރީމް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްސަލާގައި ނިންމާފައިވާ ނިންމުމަކަށް އަލިއަޅުވާލައްވާފައެވެ. އެ ނިންމުމުގައި ބަޔާންކޮށްފައިވަނީ, އަދީބަކީ ޚިޔާނާތުގެ ބައިވެރިއަކަށްވާއިރު، އަދީބުގެ ހެކިބަސް ގަބޫލު ކުރެވޭނީ އެ ހެކިބަހަށް ބާރު ލިބިދޭ އިތުރު ހެކި ހުރެގެން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ދިފާއުން އެެ އުންސުރު ސާބިތު ކުރުމަށް ހުށައަޅާފައިވަނީ ހަމައެކަނި އަހުމަދު އަދީބުގެ ހެކިބަސް ނޫން ކަމަށެވެ. އެގޮތުން އަދީބުގެ ހެކިބަހަށް ބާރު ލިބިދޭ ހެކިތައްވެސް ދައުލަތުން ހުށައަޅާފައިވާނެކަމަށް ވަކީލާ ވިދާޅުވިއެވެ. ދައުލަތުުން ބުނާ ގޮތުގައި ދައުލަތުން ހުށައަޅާފައިވާ ހެކިތަކަކީ މަހުލޫފުގެ ފަރާތުން ހުށައެޅި ހެކިތައް ނަފީ ކުރެވޭ ވަރުގެ ހެކިތަކެކެވެ. އަދި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން އަދީބުގެ ފަރާތުން ސާބިތު ކުރަން ބޭނުންވާ ކަންކަމަށްވެސް ބާރު ލިބިދޭ ހެކިތަކެކެވެ.

ދިފާއުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭކަން ދައްކަން ދައުލަތުން ހެކި ހުށައަޅާފައިވާނެ.
ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، އަދީބާ މަހުލޫފާ ދެމެދު ފޮނުވާފައިވާ މެސެޖުތަކަށް ބަލާއިރުވެސް އަދީބުގެ ހެކިބަހަށް ބާރު ލިބިދޭ ކަންކަން ހުރި ކަމަށެވެ. އެގޮތުން "ޕްލީޒް އެރޭންޖް އިޓް އޮން ސަންޑޭ"އޭ ވިދާޅުވެ މަހުލޫފުގެ ފަރާތުން މެސެޖެއް ކޮށްފައިވާއިރު، އެ ވިދާޅުވި ތާރީޚުގައި ޗެކް ޖަމާވެފައިވާކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ. އަދި ޗެކް ޖަމާވުމާއެކު މަހުލޫފުގެ ފަރާތުން "ތެންކްސް ބްރޯ"އޭ ބަޔާންކުރައްވައި މެސެޖެއް ފޮނުވާފައިވާއިރު، މިއީ ހައްތަހާވެސް އަދީބުގެ ބަޔާނަށް ބާރު ލިބިދޭ ކަންކަން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ކީއްވެތޯ އަދީބުގެ ވާހަކަތަކާ ޗެކުގެ ތާރީޚާ، މެސެޖުތައް ފޮނުވާފައިވާ ތާރީޚާ، އެކައުންޓް ސްޓޭޓްމަންޓާ ދިމާވަނީ؟ ކީއްވެތޯ އަދީބުގެ ވާހަކަތަކާ، އެއާ ގުޅިގެން ހުށައަޅާފައިވާ ހެކިތަކާ މަހުލޫފުގެ ވާހަކަތަކާ ދިމާނުވަނީ؟
ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެހެންނަމަވެސް ޔޫތު މިނިސްޓަރ މަހުލޫފު އެކަމަށް އިންކާރު ކުރައްވައެވެ. މަހުލޫފު ވިދާޅުވާ ގޮތުގައި އެފަދަ ޗެޓްލޮގެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.

ދިފާއުން ފާހަގަކުރާ ގޮތުގައި އޭރު މަހުލޫފުއަކީ ޕީޕީއެމްގެ މެމްބަރެކެވެ. ޕީޕީއެމްގެ ތްރީލައިން ވިޕާ ޚިލާފަށް ވޯޓު ދެއްވާ މެމްބަރެއް ނޫނެވެ. ވީއިރު ވަކި ގޮތަކަށް ވޯޓު ދެއްވުމަށް ރިޝްވަތު ނަގަންޖެހޭ ސަބަބެއްވެސް ނޯންނާނެކަމަށް ދިފާއުން ބުނެއެވެ. ޖުމުލަ ގޮތެއްގައި ދިފާއުން ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާއެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ, ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެފައެވެ. ގާޒީ ވިދާޅުވާ ގޮތުގައި މި މައްސަލައިގައި ގޮތެއް ނިންމެވުމުގެ ކުރިން ބަލަންޖެހޭ ގާނޫނީ ގިނަ ކަންކަމާއި ދިރާސާކުރަންޖެހޭ ކަންކަންވެސް އެބަހުރިކަމަށެވެ.


Advertisement
- ކޮމެންޓް