Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 05:11
ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކިއެކި ޙަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި
ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކިއެކި ޙަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރު
ސޯޝަލް މީޑިއާގައި ސެލެބްރިޓީ ފެންވަރުގެ ދެޔޮޓެއް ސަވާދީއްތަ ދަތުރުގައި
ސެއިލިން ޒަޓާރާގައި ޔޫޓިއުބުގައި ހަތަރު ލައްކައަށްވުރެ ގިނަ ފޮލޯވަރުން އެބަތިބި
ދައްޕަރުގެ ބަނދަރަކީ މިފަދަ ޔޮޓުތައް ބަނދަރުކުރުމަށް ވަރަށް ރަނގަޅު ބަނދަރެއް

ސޯޝަލް މީޑިއާގައި ސެލެބްރިޓީ ފެންވަރުގެ ދެޔޮޓެއް ސަވާދީއްތަ ދަތުރުގައި ބައިވެރިވަމުން އަންނަކަމަށް މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފިއެވެ.

ސަވާދީއްތަ ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ, ސޯޝަލް މީޑިއާގައި ސެލެބްރިޓީ ފެންވަރުގެ ދެޔޮޓެއް ސަވާދީއްތަ ދަތުރުގައި ބައިވެރިވަމުން އަންނަކަމީ މިހަރަކާތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ދަތުރުގައި ބައިވެރިވެފައިވާ ޔޮޓުތަކުގެ ތެރެއިން ސެއިލިން ޒަޓާރާގައި ޔޫޓިއުބުގައި ހަތަރު ލައްކައަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. އަދި މި ދަތުރުގައި ބައިވެރިވާ ސެއިލިން އެކުއޭރިިއަސްގެވެސް ގިނަ އަދަދެއްގެ ފޮލޯވަރުން ހުރިކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއްޖޭގެ ސަޤާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މި ދަތުރުތަކުގައި އަންގާރަ ދުވަހު ވަނީ ބާރަށަށް ދަތުރުކޮށްފައެވެ. އެރަށަކީ މުހައްމަދު ތަކުރުފާނުގެ ގިނަ އާސާރުތައް ހުރި ރަށެކެވެ. އަދި މިވާހަކަތައް ވެގެންދިޔައީ ފަތުރުވެރިންނަށް ވަރަށް ކަމުދާ އަދި އަޑުއަހާ ހިތްވި ވާހަކަތަކެއްކަން ފާހަގަކުރައްވާ ރާއިދު ވިދާޅުވީ ޔޮޓުތަކުގެ ޔޫޓިއުބު ޗެނަލާއި ސޯޝަލް މީޑިއާގައިވެސް މި މައުލޫމާތުތައް ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

މިފަދަ އުޅަނދު ފަހަރަކީ ވަރަށް ތަފާތު އުޅަނދު ފަހަރަށްވެފައި، ބަނދަރުކުރުމުގައި ތަފާތު ގޮތްތަކެއް ގެންގުޅެން ޖެހޭއިރު، ރާއްޖޭގެ ބައެއް ބަނދަރުތައް ތިލަވުމުގެ ސަބަބުން ބަނދަރުކުރުމުގައި ދަތިތަކެއް ދިމާވާކަން ރާއިދު ފާހަގަކުރެއްވިއެވެ. ނަމަވެސް ދައްޕަރުގެ ބަނދަރަކީ މިފަދަ ޔޮޓުތައް ބަނދަރުކުރުމަށް ވަރަށް ރަނގަޅު ބަނދަރަކަށް ވެފައިވާކަން ފާހަގަކުރައްވާ ރާއިދު ވިދާޅުވީ ދައްޕަރު ބަނދަރުގެ މައުލޫމާތު ޔޮޓުތަކުން މިހާރު ހިއްސާ ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މިއީވެސް ލިބުނު އިތުރު ކާމިޔާބީއެއްކަމުގައި ރާއިދު ވިދާޅުވިއެވެ.

ދުރާލާ އެސަރަޙައްދުގެ ރަށްތަކުގެ ކައުންސިލްތަކާއި މަޝްވަރާކުރެވިފައިވާތީ މި ދަތުރުގައި މާ ގިނަ ދަތިތަކެއް ދިމާނުވާކަމަށް ރާއިދު ވިދާޅުވިއެވެ. ރާއިދު ވިދާޅުވީ މި ދަތުރުގައި ބައިވެރިވާ ފަތުރުވެރިންގެ ފަރާތުންވެސް ވަރަށް ރަނގަޅު ފީޑްބެކް ލިބެމުން އަންނަކަމަށެވެ.

Advertisement

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ރާއްޖެ ދޫކޮށްދާކަމަށް މިހާރު ވަނީ އަޑުތައް ފެތުރިފައެވެ. މިކަމާއި ގުޅިގެން ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރުގައި ބައިވެރިވީ ޖުމްލަ 9 ޔޮޓުކަމަށެވެ. އަދި މަގުބޫލު އުޒުރެއް އޮވެގެން 2 ޔޮޓް އެނބުރި ގޮސްފައިވާ ކަމަށާއި، މީގެ ތެރެއިން އެއް ޔޮޓަކީ ދޮށީ އުމުރުގެ ދެމަފިރިން އުޅޭ ޔޮޓެއް ކަމަށެވެ. އެމީހުން ދަތުރުގައި ބައިވެރި ނުވެވޭނެކަމަށް ބުނެފައިވަނީ ކޮވިޑްގެ ކަންކަން ހުރި ގޮތުންނާއި، ރައްކާތެރިކަމުގެ ގޮތުން ކަމަށެވެ.

އަދި ދަތުރުން ވަކިވި އަނެއް ޔޮޓުގައި ތިބީ އަންހެނަކާއި 3 ފިރިހެނުން ކަމަށާއި އެޔޮޓުގައި އުޅޭ އަންހެން މީހާއަކީ ބުރަކަށީގެ މައްސަލައެއް ހުންނަ މީހަކަށްވެފައި، ރަށްރަށަށް އަރައި ފޭބުމުގައި އުނދަގޫތަކެއް ހުރުމުން އެމީހާއަށް ދަތުރުގައި ބައިވެރި ނުވެވޭނެތީ އެކަން އެންގި ކަމަށް ރާއިދު ވިދާޅުވިއެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ރެލީއެކެވެ. އެމްއައިޓީޑީސީގެ ފަރާތުން މިހަރަކާތް ކުރިއަށް ގެންދިޔުމަށް ގަސްދުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތަށެވެ.

މިދަތުރަށް "ސަވާދީއްތަ ދަތުރު" ގެ ނަން ދެވިފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި ގުޅުވައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް