ހއ. އިހަވަންދޫގައި ހިއްކާފައިވާ ސަރަހައްދު، ގާކުނޑި އަޅައިގެން ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ އިހަވަންދޫ ގޮނޑުދޮށަށް އިމާރާތްތައް ތަޅާފައި ހުންނަ ގާކުނޑި ފާޑުގެ ސާމާނު ބަރުކޮށްފައިވާ ބާޖެއް ކައިރިކޮށްފައިވާ މަންޒަރެވެ. އަދި ހައިމާކެއްގެ އެހީގައި ގާކުނޑިތައް ލޮރީއަކަށް ބަރުކުރާ މަންޒަރުތައްވެސް އެފޮޓޯތަކުގައި ހިމެނެއެވެ. އެއަށްފަހު ފެންނަނީ އެރަށުގެ ހިއްކާފައިވާ ސަރަހައްދުގެ ގޮނޑުދޮށަށް ގާކުނޑިތައް އަޅާލާފައިވާ ތަނެވެ.
މި މަންޒަރުތައް ހިމެނޭ ފޮޓޮތައް ސޯޝަލް މީޑިއާގައި ހިއްސާކުރި މީހަކު ބުނީ އިހަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑުހިލައިގެ އާ ވައްތަރެއްގެ ޝިޕްމެންޓެއް ރަށަށް އަތުވެއްޖެ ކަމަށާއި، ވަގުތުން ގިރާ ސަރަހައްދުގައި ރިވެޓްމެންޓް ޖަހަން ފަށައިފި ކަމަށެވެ.
ނަމަވެސް މި މަސައްކަތާ ގުޅިގެން އޭނާ ވަނީ ބައެއް ސުވާލުތައް އުފައްދާފައެވެ. އެހެން ރަށްރަށުން ގެންނަ ގާކުނޑި އަޅާ ރަށަކަށް އިހަވަންދޫ ހަދަން ރަށު ކައުންސިލުން ހުއްދަ ދިނީތޯ ސުވާލުކޮށްފައިވެއެވެ. އަދި މިއީ ކިހިނެއް ކޮން ބޭނުމެއްގައި ކޮން ބަޔަކާ އެކީ ހަދައިގެން އުޅޭ ޑީލެއްގެ ދަށުން ހިންގާ ކަމެއްތޯވެސް އޭނާ ސުވާލު އުފައްދާފައިވެއެވެ.
ރަށުގެ މުސްތަގުބަލަށްޓަކައި، ރަށުގެ ވެށި ތަޣައްޔަރު ކުރުމުގެ މިފަދަ ބޮޑެތި އިހުމާލު ނުވުމަށް އޭނާ ވަނީ ކައުންސިލަށް އިލްތިމާސް ކޮށްފައެވެ.
އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން، އެރަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން، ހިއްކި ސަރަހައްދުގެ ހިމާޔަތަށް 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް އެމްޑީޕީ ސަރުކާރުން ފަށާ ބޮޑުބައެއް ނިންމާފައިވެއެވެ.
ވެރިކަން ބަދަލުވިއިރު އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 ޕަސެންޓް ފުރިހަމަ ކޮށްފައި ވާއިރު، މުޅި ޕްރޮޖެކްޓްގެ 80 ޕަސެންޓް މަސައްކަތް ވަނީ ނިންމާލާފައެވެ. މިއީ އެރަށުގެ ތަރައްގީއަށް ވަރަށް މުހިންމު މަޝްރޫޢެއްގެ ގޮތުގައި ރައްޔިތުން ދެކި، އެކަމުގެ ސަބަބުން ރަށުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ބޮޑު އުއްމީދުތަކެއް އޮތް މަޝްރޫޢެކެވެ.
ނަމަވެސް އާދައިގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމާއެކު، އިހަވަންދޫގެ ތަރައްގީއަށްޓަކައި އެމްޑީޕީ ސަރުކާރުން ފެށި ގިނަ މަސައްކަތަކެއް ވަނީ ހުއްޓިފަކަމަށް އެރަށު ރައްޔިތުން ފާހަގަކުރެއެވެ.