އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލެކެވެ. ނަމަވެސް ހެލްތް މިނިސްޓްރީން އެމައްސަލަ ބަލަނީ ރާއްޖޭގެ ޞިއްޙީ ނިޒާމު ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާތީ އެވެ.
ހެލްތް މިނިސްޓްރީން ބުނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވެ ހާލު ސިރިއަސްވި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަން ހިނގާ ދިޔަ ގޮތް ބަލަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލްގެ އިހުމާލަކުން ދިމާވި މައްސަލައެއް ނަމަ ކަމާއި ގުޅުން ހުރި ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މިހާދިސާ އާއި ގުޅޭގޮތުން ހާލު ދެރަވި މީހާގެ އާއިލާ މީހެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާދިސާ ހިނގީ ޑޮކްޓަރުގެ އިހުމާލުން ކަމާށާއި، ހޮސްޕިޓަލުން އާއިލާއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެމިހާ ކިޔާދީފައިވާ ގޮތުން އަންހެން މީހާ ސިޒޭރިއަން ހެދީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހެވެ. އަދި އޮޕަރޭޝަން ކާމިޔާބު ކަމަށާއި، ދެމައިންގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން އާއިލާ ގާތު ބުނެފައިވީ ނަމަވެސް ސިޒޭރިއަނަށް ފަހު އަންހެން މީހާ ހާލު ދެރަވެ، ބޮޑުކަމުނުދެވި، ނޭވާލާން އުނދަގޫވި ކަމަށް ވަނީ ބުނެފައެވެ. އަދި އެކަން ޑޮކްޓަރަށް އެންގި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް ބުނެ ފަރުވާ ކުޑަކޮށްފައިވާ ކަމަށް އާއިލާގެ ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.
އަދި ހާލު ދެރަވަމުންދާތީ އެއަންހެން މީހާގެ ސީޓީ ސްކޭނެއް ހެދުމަށްފަހު، ބްލޮކެއް އިން ކަން އެނގުނު ނަމަވެސް އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ނުބަލާ ކަމަށް އާއިލާއިން ބުނެފައިވެއެވެ. ނަމަވެސް އިތުރަށް ހާލު ދެރަވުމާއި ގުޅިގެން އައިސީޔޫއަށްލައި ފަރުވާ ދިން ކަމަށާއި، އަދި އެކަން އާއިލާއަށް އަންގާފައިނުވާ ކަމަށް އާއިލާގެ މެމަބަރަކު ވަނީ ސޯޝަލް މީޑިޔާގައި ބުނެފައެވެ. އަދި ދެދުވަސް ފަހުން އަންހެން މިހާ މާލެއަށް ގެނެސް އޭޑީކޭއަށް ދެއްކުމުން ހާލު ސީރިއަސްކަން އެނގުނު ކަމަށާއި، ގޮހޮރު ބުރިނުވެ އިނީ ހަމަކިރިއާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް އާއިލާއިން ބުނެފައިއެވެ. އަދި މިހާރު ވެސް ހާލު ސީރިއަސް ކަމަށާއި، ފަރުވާ ދެމުންދަނީ އޭޑީކޭ އައިސީޔޫގައި ކަމަށް އާއިލާއިން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.