Advertisement
ހ.އ ދިއްދޫ
|
6 ފެބްރުއަރީ 2022 | އާދީއްތަ 17:30
ކާށިދޫ
ކާށިދޫ
ސޯޝަލްމީޑިއާ
ދަނޑުވެރިންގެ މެދުގައި ފިތުނަ އުފެއްދުން
ދަނޑުވެރިންގެ މެދުގައި ފިތުނަ އުފެއްދުމަށް ދެކެވެމުންދާ ނޭދެވޭ ވާހަކަތައް ކާށިދޫ ކައުންސިލުން ކުށްވެރިކޮށްފި
ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތަކަކީ ފާއިތުވި އަހަރުތަކުގައި ތަކުރާރުވަމުން އައިސް، ހައްލު ނުވެފައިވާ މައްސަލަތަކެއް

ކާށިދޫގެ ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދިނުމަށް އެރަށު ކައުންސިލުން ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދަނޑުވެރިންގެ މެދުގައި ފިތުނަ އުފެއްދުމަށް ދެކެވެމުންދާ ނޭދެވޭ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް, އެރަށު ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

ކާށިދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތަކަކީ ފާއިތުވި އަހަރުތަކުގައި ތަކުރާރުވަމުން އައިސް ހައްލު ނުވެފައިވާ މައްސަލަތަކެކެވެ. އެހެންކަމުން މި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކި އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ, ރަށުގެ އިގުތިސާދު ރަނގަޅު ކުރުމަށް ދަނޑުވެރިކަން ފަދަ މުހިއްމު ސިނާއަތްތައް ކުރިއެރުވުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް މިހާރުވެސް ކައުންސިލުން ކުރަމުންގެންދާ ކަމަށާއި, މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ކައުންސިލުން މިކަންތައްތައް ހަމައަކަށް އެޅުވުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ކައުންސިލުން މަސައްކަތް ކުރަނީ ކާށިދޫ ރައްޔިތުންނަކީ ފުދުންތެރި އިގުތިސާދެއްގެ ވެރި ބަޔަކަށް ހެދުމަށް ކަމަށެވެ.

Advertisement

ދަނޑުވެރިކަން ކުރަމުން ގެންދާ ފަރާތްތަކުގެ ދަނޑުބިންތައް ރަޖިސްޓްރީ ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ކާށިދޫ ކައުންސިލުން މައުލޫމާތުދެއެވެ. މިކަމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިންނަށް ދަނޑުތައް ރަޖިސްޓްރީކޮށްދީ، ދަނޑުވެރިންނަށް އެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީތައް ފަސޭހަކަމާއިއެކު ލިބޭނެ މަގުފަހިކޮށްދިނުމެވެ. އަދި އަލަށް ދޫކުރާ ދަނޑުބިންތަކުން މިހާރު ދަނޑުބިން ނެތް މީހުންނަށް ދިނުމަށް މަގުފަހި ކުރުމާއި, މިހާރު ދަނޑުވެރިކަން ކުރާ ބިންތަކުގެ ތެރެއިން ހުސްބިންތައް ހޯދައި  އެބިންތަކާމެދު އަމަލު ކުރާނެ އުސޫލެއް އެކުލަވާލުމަށް މަގުފަހިކުރުމެވެ. މީގެ އިތުރުން ކާށިދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި, މި މަސައްކަތްތައް ކުރިއަށް ދާއިރު ދަނޑުވެރިކަން ކުރަމުންދާ ދަނޑުވެރިންގެ މުދާ ރައްކާތެރިކޮށްދީ، އަލަށް ދަނޑުބިން ބޭނުންވާ ފަރާތްތަކަށް ރަށުގެ އެކި ހިސާބު ތަކުގައި އޮތް ހުސްބިންތަކުން ދަނޑުވެރިކަންކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމެވެ.

ކާށިދޫ ކައުންސިލުން ވަނީ ޖަލު ހެދުމަށް ކުރިން ދޫކޮށްފައިވާ ސަރަހައްދުން ކުރު މުއްދަތަކަށް ދަނޑުބިން ދޫކުރުމުގެ މަޝްރޫއެއް ފަށާފައެވެ. މިއީ އަލަށް ދަނޑުވެރިކަމުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ދަނޑުވެރިކަމުގެ ނަފާ ވީހާވެސް އަވަހަށް ލިބިދިނުމުގެ ބޭނުމުގައި ހިންގާ ހަރަކާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް