Advertisement
ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 17:23
ކާށިދޫ
ކާށިދޫ
ސޯޝަލްމީޑިއާ
ކާށިދޫ
ކާށިދޫގެ ކާށި ސަޕްލައި ރަނގަޅެއް ނުވޭ، ރުއްތައް އަދިވެސް ބަލި
ކާށީގެ އަގު ބާޒާރުގައި ވަރަށް މަތި
ވަކިން ކާށި ގިނަ ގޮޅިތަކުން ނުވިއްކާ

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ރަމަޟާން މަހު ކާށިދޫއިން މާލެއަށް ކާށި އެތެރެކުރެވޭވަރު ބޮޑުތަނުން ދަށްވެފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު "ރާއްޖެޓީވީ"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކާށިދޫގެ ގިނަ ރުއްތައް ހުދު ކޫޑި ބަލީގެ ޝިކާރައަކަށްވެފައިވާ ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ރުއްތަކުގެ މަތިވަރު ހަލާކުވެ، ކުރުނބަލާއި ކާށި ލިބުމުގައި ބޮޑު ދަތިކަމެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ކާށިދޫއިން މާލެ ގެނެވޭ ކާށީގެ އަދަދު ބޮޑުތަނުން ދަށްވެފައިވާކަމަށް ވެސް އާމިރު ވިދާޅުވިއެވެ.

ރާއްޖޭގައި ރުއްރުކާއި ގަސްތަކުގައި އަށަގަންނަ ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން ފިޝަރީޒް މިނިސްޓްރީން މި މަހުގެ ކުރީ ކޮޅު އެދުނެވެ. އެ ދުވަސްވަރަށްވުރެ ކޮންމެވެސް ވަރަކަށް ރުއްތައް ރަނގަޅުވާހެން ހީވި ނަމަވެސް މާ ބޮޑު ތަފާތެއް ފާހަގަނުވާ ކަމަށް ވެސް އާމިރު ވިދާޅުވިއެވެ. އަދި ހާއްސަކޮށް ކުރު ރުއްރުކުގެ ފަންތައް އެއްކޮށް ވަނީ ހުދުކޫޑިއަޅައި ފުރައިލައިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކާށިދޫއިން ކާއްޓެއް ލިބޭނީ ކިހާވަރަކަށްތޯ ސުވާލުކުރުމުން އާމިރު ވިދާޅުވީ އެ ރަަށަށް ގޮސް ކާށި ގަންނަން އުޅޭ މީހަކަށް 10 ރުފިޔާއަށް ކާއްޓެއް ލިބިދާނެ ކަމަށެވެ. އަދި ރުކުގައި ހުރި ކާށި ގަންނަން އުޅޭ ނަމަ 07 ރުފިޔާއަށް ވެސް ކާއްޓެއް ލިބިދާނެކަމަށް އޭނާ ވިދާޅުވިއެވެެ.

އެހެން ނަމަވެސް، ބާޒާރުގައި ކާށީގެ އަގު އުޅެނީ 30 ރުފިޔާއިން މަތީގައެވެ. އަދި މާރުކޭޓުގެ ގިނަ ގޮޅިތަކުން ވަކިން ކާށި ނުވެސް ވިއްކައެވެ. ކާށި ވިއްކަނީ ބަސްތާއެއް 1000 ރުފިޔާގެ މަގުންނެވެ.

Advertisement

މި މަހުގެ ކުރީކޮޅު ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ ރުއްރުކާއި ގަސްތަކުގައި އަށަގަންނަ ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާކަމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މިއީ ދިރޭ ސޫތްޕެއްގެ ސަބަބުން ރުއްތަކާއި ގަސްތަކަށް ޖެހޭ ބައްޔެއްކަމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. މި ބަލިޖައްސާ ފަނިފަކުސާ ރުކުގެ ފަނާއި ގަސްގަހުގެ ފެހިބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ރުއްތައް ނިކަމެތިވެ، ބައެއް ރުއްތައް މަރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ ރުއްތައް ބަލިވެ ކާށީގެ ސަޕްލައި ބޮޑުތަނުން ދަށްވެފައިވާއިރު ސަރުކާރު ކުންފުނި އެސްޓީއޯއިން ވަނީ ކާށި ގެނައުމުގެ މަސައްކަތް ފަށައިފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި ހޯމަ ދުވަހު ކާށި ޝިޕްމަންޓް ރާއްޖެ އަންނާނެއެވެ. މި ވަގުތު ކާށީގެ ޝިޕްމެންޓެއް ގެނައުމަށް ނިންމީ ސަޕްލައި ނެތުމުން އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށާއި، މިވަގުތު ކާއްޓެއް ވިއްކުމަށް އަދި ނިންމާފައިވަނީ 06 ރުފިޔާއަށް ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް