ބޭރުފައިސާގެ ތާށިކަން ހައްލު ކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަންފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވަނީ ބޭރު ފައިސާގެ ބާޒާރާއި ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެންނަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން ބޭރުފައިސާގެ ތާށިކަން ހައްލުކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަންފަށާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދައުލަތެއް ހިނގަނީ މާލީ ލޭންދޭނުތަކާވެސް އެކުގައިކަން ފާހަގަކުރައްވައި ރައީސް ވަނީ އިޤްތިޞާދީ ދުޅަހެޔޮ ސިޔާސަތެއްގައި ދެމި ތިބެވޭނެ ކަމުގެ އިތުބާރު ސަރުކާރަށް އެބައޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންދާޒާ ކުރެވިފައިވާ އިޤްތިޞާދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ ޢަޒުމްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮވިޑް-19 ގެ ކުރިން އޮތް ހިސާބަށް އިޤްތިޞާދު އަނބުރާ ގެންދެވޭނެ ކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ 2023 ވަނަ އަހަރު ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި ހަރަކާތްތެރިވާ މީހުން ކޮވިޑް-19 އާއި ގުޅިގެން ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. މިކަމުގައި ގިނައިން ހަރަކާތްތެރިވަމުންދަނީ ބިދޭސީންނެވެ. މިކަމަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާއިރު، އަދިވެސް މިމަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެންނަމުންނެއް ނުދެއެވެ. ވުމާއެކު، މި އަހަރު ރައީސް އެޅުއްވުމަށް ނިންމަވާ ފިޔަވަޅުތަކާއެކު އެ މައްސަލައަށް ޙައްލު ލިބިގެން ދިއުމަކީ ގިނަ ބައެއްގެ އުއްމީދެކެވެ.
ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ސަރުކާރުގެ އެއްބާރުލުން ލިބިފައިވާކަމަށް އެމް.އެމް.އޭއިންވެސް ދާދި ފަހުން ބުނެފައިވެއެވެ.
ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ, އެކްސްޗޭންޖް މާރކެޓުގައި މިހާރު އޮތް ރެގިއުލޭޓަރީ ފްރޭމްވޯރކަށް ބަދަލު ގެންނަން އެމްއެމްއޭއިން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރެވިފައިވާ ކަމަށާއި، މިކަން ކުރުމަށް ސަރުކާރުގެ އެއްބާރުލުން ލިބެމުންދާކަމަށް އެމްއެމްއޭއިން ބުނެއެވެ.
މި ފްރޭމްވޯރކަށް ގެންނަ ބަދަލުތައް އިތުރަށް ފުރިހަމަކުރުމަށް ކަމާއި ގުޅުން ހުރި ބައިނަލްއަޤްވާމީ މުއައްސަސާތަކާއެކު ވެސް މަޝްވަރާކުރަމުންދާ ކަމަށް އެއޮތޯރިޓީން މައުލޫމާތުދެއެވެ. އަދި މިކަން ކުރުމުގައި ދިމާވާނެ ގޮންޖެހުންތައްވެސް އެމްއެމްއޭއިން ގެންދަނީ ދެނެގަންނަމުންނެވެ.
މި ބަދަލުތައް ގެނައުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް އެކަމުން ކުރާނެ އަސަރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މިކަމުގައި ވިޔަފާރިވެރިންގެ މަޝްވަރާވެސް ހޯދުމުގެ ކަންކަން އެމްއެމްއޭއިން ކުރިއަށް ގެންދެއެވެ.
ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަަބަބުން ވިޔަފާރިވެރިންނަށާއި، އާންމުންނަށްވެސް އެކަމުގެ ފައިދާ ކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.