ކ. މާލެ
|
3 ފެބްރުއަރީ 2022 | ބުރާސްފަތި 09:32
ރައީސް ސޯލިޙު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް ސޯލިޙު ރިޔާސީ ބަޔާން އިއްވަވަނީ
ރައްޔިތުންގެ މަޖިލިސް
ހަރުކަށި ފިކުރު ހުއްޓުވުން
ހަރުކަށި ފިކުރު ހުއްޓުވުމަށް މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ކުރިއަށް ގެންދަނީ
ދީނުގެ ޞައްހަ ޢަޤީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާވުމުގެ އަޞްލު
އިމާމުންނާއި މުދިމުންނަށް އިސްލާމީ ތަޢުލީމުގެ ރޮނގުން ޑިގްރީ ހޯދާދިނުމަށް 290 މީހުން ދަނީ ތަޢުލީމީ މަރުހަލާ ފުރިހަމަކުރަމުން
އާ މިސްކިތްތަށް ބިނާ ކުރުން ހުއްޓުމެއްނެތި ކުރިއަށް ދާނެ

ހަރުކަށި ފިކުރު ހުއްޓުވުމަށް މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙު މިހެން ވިދާޅުވީ، ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، އިސްލާމީ ތަރިކަ އާއި ދީނުގެ ޞައްހަ ޢަޤީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާވުމުގެ އަޞްލުކަމަށެވެ. މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަން ދިން ސިޔާސަތަކީވެސް، މާތްވެގެންވާ އިސްލާމްދީނުގެ ޞައްހަ މަޢުލޫމާތު ދިވެހިންގެ ހިތްތަކުގައި އަށަގެންނެވުމާއި، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިނުމާއި، އިސްލާމްދީނުގެ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނުކަމަށެވެ.

ދީނުގެ ނަމުގައްޔާއި، ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފަތުރާ މީހުންނާއި، މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ހާމަކޮށް ދިނުމުގައި ދީނީ ޢިލްމުވެރިންގެ އެހީގައި މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ކުރިއަށް ގެންދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިމާމުންނާއި މުދިމުންނަށް އިސްލާމީ ތަޢުލީމުގެ ރޮނގުން ޑިގްރީ ހޯދާ ދިނުމަށް 290 މީހުން ދަނީ ތަޢުލީމީ މަރުހަލާ ފުރިހަމަ ކުރަމުންކަމަށެވެ. އެގޮތުން ޤުރުއާން މުދައްރިސުން ބިނާކުރުމަށް މިދިޔަ އަހަރު 1,599 މީހުން ތަމްރީނުކޮށް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ޙައްޖާއި ޢުމްރާއާއި، ވަޤްފުގެ ކަންކަމާއި އަދި ޒަކާތާއި ބެހޭ ޤާނޫނުތައް އެކުލަވާލާ، މިއަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުއްވަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފަރުމާގެ އާ މިސްކިތްތަށް ބިނާ ކުރުން ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށްވެސް ވިދާޅުވެފައެވެ.

- ކޮމެންޓް