ކޮވިޑް-19ށް އިތުރު 2142ށް މީހުން ޕޮޒިޓިވްވެ ޖުމްލަ 143،202ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 5985 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 2640 ސާމްޕަލް ނަގާފައިވަނީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭއިން ބުނީ މި ސާމްޕަލްތަކުގެ ތެރެއިން 2142 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 771 މީހުންނާއި, އަތޮޅުތަކުން 1053 މީހުންނާއި، ހިންގަމުންދާ ރިސޯޓުތަކުން 48 މީހުންނެވެ. އަދި 270 މީހުން ޕޮޒިޓިވްވެފައިވަނީ ކޮން ސަރަހައްދަކުންކަން ދެނެގަނެވިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ މިހާތަނަށް 143202 މީހުން ވަނީ ޕޮޒިޓިވްވެފައިވާ ކަމަށާއި، 125190 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. 62 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި، 17721 އެކްޓިވް ކޭސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 278 މީހުން މިބަލީގައި ވަނީ ނިޔާވެފައެވެ.
މިވަގުތު މާލެ ސަރަހައްދުގެ ޕޮޒިޓިވްޓިވިޓީ ރޭޓް ހުރީ 29 އިންސައްތާގައެވެ.
ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ފަސްވަނަ ރާޅާއެކު, ޖެނުއަރީ މަހުގެ ތެރޭގައި މާލެ ސަރަހައްދުން އެކަނި ވެސް 1000ށް ވުރެ ގިނަ ކޭސްތައް ރިޕޯޓު ކުރެވުނެއެވެ. ދުވަސްތަކަކަށް 1000ށްވުރެ މަތިން ކޭސްތައް ރިޕޯޓު ކުރެވުނު ނަމަވެސް މިހާރު އެ އަދަދު ވަނީ 1000ށް ވުރެ ދަށަށް ގޮސްފައެވެ. އެގޮތުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވެގެން ރިޕޯޓުކޮށްފައިވަނީ 931 މީހުންނެވެ.