ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 13:00
ހުޅުމާލެ އެފްއެސްއެމް ޕެޓްރޯލް ޝެޑް
ހުޅުމާލެ އެފްއެސްއެމް ޕެޓްރޯލް ޝެޑް
ރާއްޖެއެމްވީ
ސެލްފް ސަރވިސް ޝެޑް
ސެލްފް ސަރވިސް ޝެޑްގެ ޚިދުމަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ
މި ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ހުންނަ "އީޒީ 3" ގެ ޕެޓްރޯލް ޝެޑުން

ސެލްފް ސަރވިސް ޝެޑްގެ ޚިދުމަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވީ މަސައްކަތް ހަވާލުކޮށްފައިވަނީ ބެންކޮކްގެ ކުންފުންޏަކާއި ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން މަސައްކަތަށް ލަސްތަކެއް ކުރިމަތިވެފައިވާއިރު މަސައްކަތް ކުރަމުންދަނީ ކުރިއަތް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ސެލްފް ސަރވިސް ޝެޑްގެ ޚިދުމަތް ފެށުމަށް ކަމަށެވެ.

ޤަސަމް ވިދާޅުވީ އެންމެ ފުރަތަމަ މި ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ހުންނަ "އީޒީ 3" ގެ ޕެޓްރޯލް ޝެޑުން ކަމަށެވެ. މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންކުރާ ސިސްޓަމްގެ މަސައްކަތް ކުރެވެން އޮތީ އެ ޝެޑުން އެކަނި ކަމަށާއި ޚިދުމަތް ފެށުމަށްފަހު އާންމުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ލިބޭނަމަ އިތުރު ޝެޑުތަކުގައި ވެސް ސެލްފް ސަރވިސްގެ ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ "އީޒީ 3" ގެ ޕެޓްރޯލް ޝެޑުން ޚިދުމަތް ފެށިގެންދާނީ އެންމެ ޕަންޕެއްގައި ކަމަށް ވެސް ޤަސަމް ވިދާޅުވިއެވެ.

ޤަސަމް އިތުރަށް ވިދާޅުވީ މާލެ ސިޓީގައި ހުރި އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަކީ ކުރީގެ ސިސްޓަމްތަކަކަށްވުމުން މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންކުރާ ސިސްޓަމް ސަޕޯޓް ނުކުރާނެ ކަމަށެވެ. އެހެންކަމުން މާލެސިޓީގެ ޝެޑުތަކުގައި މި ޚިދުމަތް ފަށާނަމަ މުޅި ޝެޑް އެއްކޮށް އަޕްގްރޭޑް ކުރަންޖެހޭ ކަމަށެވެ. ޤަަސަމް ވިދާޅުވީ މިވަގުތު ވިސްނުމުގައި ހުރީ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ޝެޑުތައް ހުޅުވާއިރު ސެލްފް ސަރވިސް ޝެޑްގެ ޚިދުމަތް ވެސް ދެވޭ ގޮތަށް އެތަންތަން ފަރުމާ ކުރުމަށް ކަމަށެވެ.

މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގެ އިތުރުން ސްޓެލްކޯ ކައިރީގައެވެ. މީގެއިތުރުން ހުޅުމާލޭގައިވެސް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ. އަދި ދާދިފަހުން އެކުންފުނިން ވަނީ ފިއުލް ސްޓޭޝަނެއް ތިލަފުށީގައިވެސް ހުޅުވާފައެވެ.

- ކޮމެންޓް