ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 14:36
އެފްއައިވީބީގެ ރައީސް އަރީ ގްރާސާ އާއި ވީއޭއެމުގެ ރައީސް ރަނޭޝް ބޭއްވި ބައްދަލުވުމުގެ ތެރެއިން
އެފްއައިވީބީގެ ރައީސް އަރީ ގްރާސާ އާއި ވީއޭއެމުގެ ރައީސް ރަނޭޝް ބޭއްވި ބައްދަލުވުމުގެ ތެރެއިން
އެފްއައިވީބީ
ރަނޭ އާއި ގްރާސާގެ ބައްދަލުވުން
އެފްއައިވީބީގެ ރައީސާއި ރަނޭޝްގެ ޚާއްސަ ބައްދަލުވުމެއް
 
ގްރާސާ ވަނީ ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ފަހުގެ ހާލަތު އޮޅުންފިލުއްވާފައި
 
ބައްދަލުކުރެއްވުން އޮތީ ސްވިޓްޒަލެންޑުގައި ހުންނަ އެފްއައިވީބީގެ މައި އިދާރާގައި

ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީގެ ރައީސް ބްރެޒިލުގެ ޑރ. އަރީ ގްރާސާ އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ސްވިޓްޒަލެންޑުގައި ހުންނަ އެފްއައިވީބީގެ މައި އިދާރާގައެވެ. މި ބައްދަލުވުމުގައި ގްރާސާ ވަނީ ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ފަހުގެ ހާލަތު އޮޅުންފިލުއްވައި، ބީޗް ވޮލީބޯޅަ ކުރިއެރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ކަންކަމުގެ ތަފްސީލު ހޯއްދަވާފައެވެ. މި ބައްދަލުކުރެވުމަށްފަހު ގްރާސާ ވިދާޅުވީ ވީއޭއެމާއެކު ވަރަށް ގާތުން މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށާއި، މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ މުބާރާތާއެކު ރާއްޖޭގެ ވޮލީއަށް ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

ސްވިޓްޒަލެންޑުގައި އެފްއައިވީބީގެ ރައީސާއި ރަނޭޝް ބައްދަލުކުރެއްވިއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގްރާސާ ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، ރާއްޖޭގެ ބީޗް ވޮލީ ކުރިއަރުވަން ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން އެ ދަތުރުފުޅުގެ ތެރެއިން އެފްއައިވީބީއާއެކު ވީއޭއެމުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބީޗް ވޮލީބޯޅަ ކުރިއަރުވަން ދެ އަހަރު ދުވަހުގެ ކޯޗިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އަދި ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުމުގެ ފެންވަރު މަތިކުރުމާއި، ގްރާސްރޫޓުން ފެށިގެން މަތީ ފެންވަރާ ހަމައަށް ބީޗް ވޮލީބޯޅައިން ކުޅުންތެރިން ތަމްރީނުކުރުމުގެ މަސައްކަތްތަކަށް ކުރިއެރުން ހޯދުމަށްވެސް ވަނީ އެއްބަސްވެފައެވެ.

އަދި އެއާއެކު އެފްއައިވީބީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ބީޗް ވޮލީބޯޅަ ޓުއާގެ މުބާރާތެއް މި އަހަރު ރާއްޖޭގައި ކުރިއަށްގެންދަން މިހާރު ވަނީ ތާވަލުކޮށްފައެވެ. އެފްއައިވީބީން އިއުލާންކުރި ކަލަންޑަރުގައިވާ ގޮތުން ބީޗް ވޮލީ ޓުއާގެ މުބާރާތް ރާއްޖޭގައި އޮންނާނީ އޮކްޓޯބަރު މަހުގެ 13-16 ގެ ނިޔަލަށެވެ. މިއީ އެފްއައިވީބީން ބާއްވާ މި ފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާނެ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ދާދި ފަހުން ވީއޭއެމުން ވަނީ އެފްއައިވީބީގެ އެހީތެރިކަމާއެކު ގައުމީ ބީޗު ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު ބްރެޒިލުގެ ވިނީޝިއުސް މާޓިންސް ހަމަޖައްސާފައެވެ.

ރާއްޖޭގައި ބީޗް ވޮލީ ފުޅާކުރަން އެފްއައިވީބީއާ ގުޅިގެން ވީއޭއެމުން މަސައްކަތްކުރަމުން އަންނައިރު، މީގެ ކުރިން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރަނޭ ވިދާޅުވީ ވީއޭއެމުގެ އަމާޒަކީ ލޮސް އެންޖެލެސްގައި 2028 ވަނަ ބާއްވާ އޮލިމްޕިކް ގޭމްސްއަށް ދިވެހިރާއްޖޭގެ ބީޗް ވޮލީ ޓީމެއް ތައްޔާރުކުރުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
100%
0%
0%
0%
0%
0%
ކޮމެންޓް