ކޮވިޑް-19ށް ޕޮޒިޓިވްވެ 12 ކުޑަކުދިންނަށް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ވިދާޅުވީ އެކެއް ފެބްރުއަރީގައި ކުޑަ ކުދިންގެ ވޯޑުގައި ކޮވިޑް-19ށް ޕޮޒިޓިވްވެ 12 ކުއްޖަކަށް ފަރުވާ ދެމުންދާ ކަމަށާއި، މީގެ ތެރެއިން 6 ކުދިންނަކީ އުފަންވިއިރުވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކުދިން ކަމަށެވެ. އަދި ދެ ކުއްޖަކަށް ކުއްލި ޝޮކެއް ލިބިފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާއިރު، މިހާތަނަށް 138,880 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 120،821 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. 17،770 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 63 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މަލްޓި ސިސްޓަމް އިންފްލެމޭޓޮރީ ސިންޑްރޯމް އިން ޗިލްޑްރެން (މިސްކް)ށް އިޝާރަތް ކުރައްވައި ޑރ. ފައިސަލް ވިދާޅުވީ, ރާއްޖެއިން މިސްކް ޖެހުނު 19 ކުދިން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މިސްކް ޖެހުނު 19 ކުދިން ބަލިން ރަނގަޅުވެފައިވާއިރު، މިބަލީގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކުއްޖަކު ނިޔާވެފައިވެއެވެ. އެހެންކަމުން މިބައްޔާ މެދު ސަމާލުވުމަށް ޑރ. ފައިސަލް އިލްތިމާސްކުރައްވާފައިވެއެވެ.
މިބައްޔާއި ގުޅޭ ގޮތުން ޑރ. ފައިސަލް ވިދާޅުވީ މިއީ ކޮވިޑްޖެހި ރަނގަޅު ވުމަށްފަހު ދިމާވާ މައްސަލައެއް ކަމަށެވެ. މިސްކް ޖެހުމުން ހަށިގަނޑުގެ އެކި ގުނަވަންތައް ރަތްވެ ދުޅަވެއެވެ. އާދަޔާ ޚިލާފަށް ކުޑަ ކުއްޖާ ވަރުބަލިކޮށްލާއިރު، މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި، ލޯ ރަތްވުމާއި، ބޭރަށް ހިންގުމާއި ހޮޑުލުމާއި، ހަންގަޑުގައި ބިހި ނެގުމާއި އަދި ބޮލުގައި ރިހުން ފަދަ ކަންކަން ކުރިމަތިވެއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ 20 އަހަރުން ދަށުގެ މީހުންނަށް ކޮވިޑް-19 ޖެހި ރަނގަޅުވުމަށްފަހު އެފަދަ އަލާމަތްތައް ފެންނަ ކަމަށާއި، އެއީ މިސްކް ކަމަށާއި، ފަރުވާ ހޯދަން ޖެހޭ ކަމަށެވެ. އަދި އަވަހަށް ފަރުވާ ހޯދިއްޖެކަމުގައިވާނަމަ ސީރިއަސް ހާލަތަށް ނުދާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާރު މިބަލި ފެންނަ މިންވަރު އިތުރު ކަމަށެވެ. އެހެންކަމުން އިތުރަށް ބެލެނިވެރިން ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.