Advertisement
ކ. މާލެ
|
31 ޖެނުއަރީ 2022 | ހޯމަ 19:52
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ އޮފީސް
ޖުވެނައިލް ޑިޓެންޝަން ސެންޓަރު
ޖުވެނައިލް ޑިޓެންޝަން ސެންޓަރާއެކު، ކުދިން ރިހެބިލިޓޭޓްކޮށް މުޖުތަމައުއަށް އައުމުގެ ފުރުސަތު ހުޅުވިގެންދާނެ: ޕީޖީ
މިއީ ވަރަށް ބޮޑު މަސައްކަތެއްގެ ފެށުން

ޖުވެނައިލް ޑިޓެންޝަން ސެންޓަރާއެކު ކުދިން ރިހެބިލިޓޭޓްކޮށް މުޖުތަމައުއަށް އައުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ. ޝަމީމް ވިދާޅުވީ ކުދިން ރިހެބިލިޓޭޓްވެ މުޖްތަމައުއަށް އައުމަށް ފުރުސަތު ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު މަސައްކަތެއްގެ ފެށުން ކަމަށާއި ވަރަށް ބޮޑު ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.

މި ސެންޓަރާއި ބެހޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ, ތަން ހިންގާނެ އުސޫލާއި އޮފިސަރުން ކަނޑައެޅި, ތަމްރީނުތައް ދެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ކުށަށް ހުށަހެޅޭ ކުދިންގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކުރުމަށް އެ މާއްދާގެ (ށ)އިން މިނިސްޓަރ އޮފް ހޯމްއެފެއަރޒްގެ މައްޗަށް ލާޒިމުކޮށްފައިވާތީ، ކ. ހިންމަފުށީ އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރު އާދީއްތަ ދުވަހު ގާއިމުކޮށް، އެންޓި ޓޯޗަރ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުގެ މަތިން އާންމުކޮށް އަންގާ އިއުލާންކުރާ ކަމަށެވެ. ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހިނގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މި މަރުކަޒަކީ ދެ ޖިންސުގެ ކުދިން ވަކިން ބޭތިއްބޭނެ މަރުކަޒަކަށް ވާންވާނެއެވެ. އަދި މި މަރުކަޒު އުފައްދައި ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތައް، މި ގާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ގަވާއިދު އެކުލަވާލުމުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަންނީ ލަފަޔާއި މަޝްވަރާ ހޯދަންވާނެއެވެ.

Advertisement

މަރުކަޒެއްގައި ކުއްޖަކު ބެހެއްޓުމަށް ކޯޓުން ނިންމާ ހާލަތުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކުއްޖާ ބަހައްޓައިގެން ފަރުވާދިނުމަށްޓަކައި އެފަދަ މަރުކަޒުތައް އަތޮޅުތަކުގައި ނުވަތަ ރަށްތަކުގައި ދައުލަތުން ގާއިމުކޮށް، ބަލަހައްޓަންވާނެއެވެ.

މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މަރުކަޒެއްގައި ކުއްޖަކު ބަހައްޓަންވާނީ އެކުއްޖަކު އެ މަރުކަޒެއްގައި ބެހެއްޓުން އެއީ އެކުއްޖަކާމެދު އެޅެން އޮތް އެންމެ ފަހުގެ ފިޔަވަޅަށްވެފައި، އަދި އެކުއްޖަކު ބެހެއްޓޭ މުއްދަތަކީ ހަމައެކަނި އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ވާނަމައެވެ. އަދި މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނަށް އެކުދިންގެ އުމުރާއި، ޖިންސާއި، އިޖްތިމާއީގޮތުން ބިނާކުރަނިވި އަދި މުޖުތައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނިވި އިޖްތިމާއީ، ތައުލީމީ، ނަފްސާނީ، ސިއްހީ، އަދި ޖިސްމާނީގޮތުން މުހިންމު އަޅާލުމާއި، ރައްކާތެރިކަމާއި، އެހީތެރިކަމެއް އެ މަރުކަޒުގެ މާހައުލުގެ ތެރޭގައި ފޯރުކޮށްދޭންވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން އުފައްދާ މަރުކަޒުތައް ވާންވާނީ، ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދާފައިވާ، ކުއްޖާގެ އުމުރާއި، ކޮށްފައިވާ ކުށާއި އެކަށޭނަ ތަންތަން ކަމުގައެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަނޑައެޅޭ ހަމަހަމަ އުސޫލެއްގެ ދަށުން މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ މަަސްލަހަތު ހިމާޔަތްކުރުމަށްޓަކައި، އެކުދިންނަށް ޒިޔާރަތްކުރުމުގެ ހައްގު އެކުދިންގެ ބެލެނިވެރިންނަށާއި އާއިލާއަށް ލިބިގެންވެއެވެ. މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އިސްލާހުކުރުމުގެ ގޮތުންވެސް އެއްވެސް ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް ލިބޭފަދަ އެއްވެސް އަމަލެއް ނުވަތަ އިހުމާލުވާފަދަ އެއްވެސް އަމަލެއް ހިންގައިގެންނުވާނެއެވެ. މަރުކަޒުތަކުގައި ތިބޭ ކޮންމެ ކުއްޖަކަށް، އެކުއްޖާގެ އުމުރާއި ފެންވަރާއި، ބަދަލުވަމުންދާ ގާބިލިއްޔަތާ އެކަށީގެންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްދޭންވާނެއެވެ. މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ކަސްރަތުކުރުމާއި ކުޅިވަރުކުޅެވޭނެ އިންތިޒާމު، ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ލިބެންވާނެއެވެ. އަދި ކުއްޖާއަށް ބޭނުންވާ ސިއްހީ ފަރުވާއާއި އިޖްތިމާއީ އަދި ނަފްސާނީ އެހީތެރިކަމާއި ކައުންސެލިންގގެ ޚިދުމަތްތައް ދޭންވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް