މާފުށީ ޖަލުގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު މައްޗަށް ޖެހިލައިފިއެވެ.
އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ގައިދީންގެ ތެރެއިން މިވަގުތު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 153ށް އަރާފައެވެ. 82 ގައިދީން ކަރަންޓީނުގައި ތިބިއިރު 114 ގައިދީއަކު ވަނީ ބަލިން ފަސޭހަވެފައެވެ. އޭގެކުރިން ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ގައިދީންގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 95ގައެވެ. އެދުވަހު ކަރަންޓީނުގައި ތިބީ 180 ގައިދީންނެވެ. އަދި 74 ގައިދީއަކު ބަލިން ފަސޭހަވެފައިވެއެވެ. ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެކްޓިވް ކޭހުގެ އަދަދު ހުރީ 66 ގައެވެ. އެދުވަހު 215 ގައިދީއަކު ކަރަންޓީނުގައި ތިބިއިރު ބަލިން ފަސޭހަވެފައިވަނީ 71 ގައިދީންނެވެ.
ގައިދީން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން އަންނައިރު ޖަލުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންވެސް ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އޮފިސަރުންގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 15 ގައެވެ. ކަރަންޓީނުގައި 3 އޮފިސަރުން ތިބިއިރު ބަލިން ރަނގަޅުވެފައިވަނީ 16 އޮފިސަރުންނެވެ. ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮފިސަރުންގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 12 ގައެވެ. 3 އޮފިސަރުން ކަރަންޓީނުގައި ތިބިއިރު ބަލިން ރަނގަޅުވެފައިވަނީ 16 އޮފިސަރުންނެވެ. ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އޮފިސަރުންގެ އަދަދު ހުރީ އޭގެކުރީ ދުވަހާ އެއްގޮތަށެވެ.
މާފުށީ ޖަލުގައި އެކްޓިވް ކޭހުގެ އަދަދު މަތިވާން ފަށާފައިވާއިރު މާފުށީ ޖަލުގައި ތިބި ހައިރިސްކް ގައިދީން ގެއަށް ބަދަލު ކުރަން ވަނީ ފަށާފައެވެ. ޖެނުއަރީ 27 ވަނަ ދުވަހު ގައިދީން ގެޔަށް ބަދަލުކުރަން ފަށާފައިވަނީ ޖަލުގައި ކޮވިޑް ހާލަތު ގޯސްވަމުން އަންނާތީކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި އެ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ކަރެކްޝަންސް އިން ބުނީ، ކަރަންޓީންގައި ތިބި ގައިދީން ތިބޭނީ އެހެން ގައިދީންނާ ވަކިން ކަމަށެވެ. އެމީހުންގެ ކަރަންޓީން މުއްދަތުގައި، ޖަލު ގޮޅިން ބޭރަށް ނުނެރޭނެ ކަމަށެވެ. އަދި ޕޮޒިޓިވްވާ ގައިދީން އެކަހެރި ކުރެވި، ބޭނުންވާ ސިއްޙީ ފަރުވާ ދެމުން ގެންދާ ކަމަށެވެ. ހާލަތު ގޯސްވެއްޖެ ނަމަ ފެސިލިޓީތަކަށް ގެންދިޔުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.
ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކުގެ އިތުރުން ކޯޓު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޮންލައިންކޮށެވެެ.
މީގެ ކުރިންވެސް ޖަލުތަކުގައި ހާލަތު ގޯސްވެ 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.