ޔޫތު ޗެމްޕިއަންޝިޕްގައި ފަހަތުން އަރައި މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހުގެރޭ މަހިބަދޫގެ މައްޗަށް ޓީސީން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން މަހިބަދޫން ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ ފުރަތަމަ 14 މިނެޓުގެ ތެރޭގައި މަހިބަދޫޣެ ހަސަން ނާއިމް ވަނީ ދެ ލަނޑު ޖަހައިފައެވެ. އެކަމަކު ފުރަތަމަ ހާފު ނުނިމެނީސް ޓީސީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޓީސީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޫސުފް ޝާއިފްއެވެ. އަދި އޭގެ 12 މިނެޓު ފަހުން ސާއިފް ވަނީ އިތުރު ލަނޑެއް ޖަހާ ނަތީތާ ހަމަހަމަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނުނުއިރު ޓީސީެ ފަހުމާން އަބްދުލް ހަމީދު ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މެޗުގެ 85 ވަނަ މިނެޓުގައި ޓީސީއަށް ލީޑު ނަގައިދީފައެވެ.
ޓީސީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވެލެންސިއާ ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ، ކުޅުނު ދެެ މެޗުން ހަ ޕޮއިންޓް ޓީސީއަށް ލިބިފައިވާއިރު މި ގްރޫޕްގެ ދެވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އަށް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. ތިންވަނައިގައި މަހިބަދޫ އޮތީ ދެ މެޗުން އެއް ޕޮއިންޓް ހޯޯދައިގެންނެވެ. ދެ މެޗުންވެސް ބަލިވެ ވެލެންސިއާ ވަނީ މުބާރާތުން ކަޓައިފައެވެ.
ދެން އެންމެ އަވަހަށް ޔޫތް ޗެމްޕިއަންޝިޕްގެ މެޗެއް އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ. އެ ދުވަހު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއެވެ. އަދި އާދީއްތަ ދުވަހުގެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސްއާ ދެކޮޅަށެވެ.