ކ. މާލެ
|
28 ޖެނުއަރީ 2022 | ހުކުރު 18:06
ފައިޒަރ ވެކްސިން
ފައިޒަރ ވެކްސިން
ރޮއިޓަރސް
އެމެރިކާއިން ރާއްޖެއަށް ވެކްސިން ހަދިޔާކުރުން
ފައިޒަރ ވެކްސިނުގެ އިތުރު 2 ލައްކަ ޑޯޒް އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފި
އެމެރިކާއިން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ބޭނުންވާ އެހެނިހެން އެހީތައްވެސް ފޯރުކޮށްދީފައި

އެމެރިކާގެ ފަރާތުން ރާއްޖެއަށް އިތުރު 210,600 ޑޯޒްގެ ފައިޒަރ ވެކްސިން ފޯރުކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ އެމެރިކާއިން ރާއްޖެއަށް 210,600 ޑޯޒްގެ ފައިޒަރ ވެކްސިން ފޯރުކޮށްދީފައިވަނީ ކޮވިޑް-19އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެމެރިކާއިން ދެމުންދާ އެއްބާރުލުމުގެ ތެރެއިން ކަމަށެވެ. އަދި ކޮވެކްސްއާއި ޔުނިސެފް ފަދަ ފަރާތްތަކާއި ގުޅިގެން އެމެރިކާ މި މަސައްކަތުގައި ދެމިއޮންނާނެ ކަމަށާއި، ވަކިން ހާއްސަކޮށް އޭޝިއާ ބައްރުގައި އޮމިކްރޯން ވޭރިއަންޓް އިތުރުވެފައިވާ ދަނޑިވަޅުގައި މި މަސައްކަތުގައި ދެމިއޮންނާނެ ކަމަށް އެމްބަސީން ބުނެފައިވެއެވެ.

މި ބަލިމަޑުކަން ފެށުނީންސުރެ އެމެރިކާއިން ދަނީ ރާއްޖެއާއެކު ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އެމެރިކާގެ ފަރާތުން ވަނީ ގާތްގަނޑަކަށް 440,000 ޑޯޒް ފައިޒާ ވެކްސިނާއި، 1 މިލިއަން އެމެރިކާ ޑޮލަރުގެ އެމެޖެންސީ ސަޕްލައިއާއި، ތަމްރީނާއި، އެންމެ ބޭނުންޖެހިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދީފައެވެ. ތަކެތީގެ އެހީގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތަށް 60 ވެންޓިލޭޓަރު ހަދިޔާކުރުމުގެ އިތުރުން، 100,000 ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓްވަނީ ފޯރުކޮށްދީފައެވެ.

އަދި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތަށް ވަނީ އެހީތެރިވެދީފައެވެ. މިގޮތުން ކޮވިޑުން ރައްކާތެރިވުމަށް ހޭލުންތެރިކަމުގެ ކެމްޕޭން ހިންގުން ހިމެނެއެވެ. މީގެއިތުރުން މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ރާއްޖޭގެ އިގްތިސާދު އިއާދަކުރުމަށް ދިވެހި ސަރުކާރަށް ފަންނީ އެހީ ފޯރުކޮށްދީފަވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް 1.2 ބިލިއަން ޑޯޒް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން ވެފައިވާ ވައުދުގެ ދަށުން މިހާތަނަށް 286 މިލިއަން މީހުންގެ ފުރާނަ ސަލާމަތްކުރަނިވި ވެކްސިން ވަނީ ފޯރޮކޮށްދީފައެވެ. މިފަހުން އިއުލާނުކޮށްފައިވާ ގްލޯބަލް ވެކްސިން އެކްސެސް (ގްލޯބަލް ވެކްސް) ގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަށް 1.6 ބިލިއަން ޑޮލަރު އެމެރިކާއިން ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް