ކ. މާލެ
|
28 ޖެނުއަރީ 2022 | ހުކުރު 05:56
ތިލަމާލެ ބްރިޖާއެކު ގްރޭޓަރ މާލެ އެއް ލިންކަމުން ގުޅާލާނެ
ތިލަމާލެ ބްރިޖާއެކު ގްރޭޓަރ މާލެ އެއް ލިންކަމުން ގުޅާލާނެ
ހައުސިންގް މިނިސްޓްރީ
ތިލަމާލެ ބްރިޖުގެ މަސައްކަތްތައް
ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިޔަށްދާތީ ސަމާލުވާން އަންގައިފި
26 ޖަނަވަރީން ފެށިގެން އެސަރަޙައްދެއްގައި ޕްލެޓްފޯރމްތަކެއް ބަހައްޓައިގެން މަސައްކަތްކުރާނެ
މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރު ޕްލެޓް ފޯމުތަކަށް ކައިރި ނުކުރުމަށާއި މި ޕްލެޓް ފޯމްތަކަށް ސަމާލުކަންދީގެން ޕްލެޓްފޯމްތަކަށް އުނދަގޫ ނުވާނެގޮތަށް ދަތުރުކުރުމަށް އިލްތިމާސްކޮށްފައިވޭ
27 ޖަނަވަރީން ފެށިގެން މިނިސްޓްރީއިން ވަކި ގޮތަކަށް އަންގަންދެން އެ ސަރަހައްދުގެ މޫދަށް އެރި އުޅުމަކީ މަނާކަމެއް

މާލެ ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާތީ އެސަރަޙައްދުގެ ބޭނުންކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 26 ޖަނަވަރީން ފެށިގެން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރު ދެކުނު ކޮޅާއި ދެމެދުގެ ސަރަޙައްދެއްގައި ޕްލެޓްފޯރމްތަކެއް ބަހައްޓައިގެން މަސައްކަތްތަކެއް ކުރަމުންދާނެކަމަށެވެ. އެހެންކަމުން މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރު މި ޕްލެޓް ފޯމުތަކަށް ކައިރި ނުކުރުމަށާއި އަދި މި ޕްލެޓް ފޯމްތަކަށް ސަމާލުކަންދީގެން މި ޕްލެޓްފޯމްތަކަށް އުނދަގޫ ނުވާނެގޮތަކަށް ރައްކާތެރިކަމާއެކު ދަތުރުތައްކުރުމަށް އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި އުޅަނދު ފަހަރުގެ ވެރިންނަށް އަދި އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން މާލެ ތިލަފުށި ލިންކް މަޝްރޫޢު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރ އެފްކޯންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން މާލެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ތިލަފުއްޓާއި ހަމައަށް މަސައްކަތް ކުރުމަށް ސައިޓަށް މޮބިލައިޒް ވެފައިވާތީ 27 ޖެނުއަރީން ފެށިގެން އެ ސަރަހައްދުގައި އެކި ސައިޒްތަކުގެ ޕްލެޓްފޯރމްތަކާއި ހެވީ އިކުއިޕްމަންޓްތައް ބޭނުންކުރަމުންދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. މި ގޮތުން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިލި އިރު ދެކުނު ކަންމައްޗާއި، ވިލިނގިލި ދެކުނު ފަރާތުގެ މޫދާއި، ވިލިނގިލި ހުޅަނގުދެކުނު ކަންމަތިން ފެށިގެން ގުޅީފަޅު އިރުދެކުނު ކަންމައްޗާއި، އަދި ގުޅީފަޅު ހުޅަނގު ދެކުނު ފަރާތުން ފެށިގެން ތިލަފުށީ އިރު ދެކުނު ކަންމައްޗަށް އެއްވެސް ބޭނުމަކަށް މޫދަށް އެރި އުޅުމަކީ ރައްކާތެރި ނޫންކަމެއް ކަމުގައި ފެންނަކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އެ ސަރަހައްދަށް އެރި އުޅުމުގެ ތެރޭގައި ލިބިދާނެ ބޮޑު ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި 27 ޖަނަވަރީން ފެށިގެން މިނިސްޓްރީއިން ވަކި ގޮތަކަށް އަންގަންދެން އެ ސަރަހައްދުގެ މޫދަށް އެރި އުޅުމަކީ މަނާކަމެއް ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ނުވަތަ ތިލަމާލެ ބްރިޖު އެޅުމަށް ހަދަން ޖެހޭ ސާވޭގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުއެވެ. ތިލަމާލެ ބުރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް މަޝްރޫޢު ހަވާލުކޮށްފައިވަނީ އިންޑިޔާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ އާއެވެ.

މާލެއާއި، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ 6.7 ކިލޯމީޓަރުގެ ބުރިޖެކެވެ. މި މަޝްރޫއުގެ ދަށުން ގުޅިފައިވާ 3 ބުރިޖް ހިމެނެއެވެ. އެއީ މާލެއިން ވިލިމާލެ ގުޅުވާ ބުރިޖާއި، ވިލިމާލެއިން ގުޅީފަޅަށް އަދި ގުޅީފަޅުން ތިލަފުއްޓަށް އަޅާ ބުރިޖެވެ.

މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ.

3 ބްރިޖު ގުޅާލަދޭ މަގުތަކާއެކު، 6.7 ކިލޯމީޓަރަށް މި ބްރިޖު ދެމިގެންދާނެއެވެ. ހަމައެކަނި، މާލެއާއި ވިލިގިލި ގުޅާލަދޭ ފުރަތަމަ ބްރިޖުގެ ދިގުމިން ވެސް، މިވަގުތު ފެންނާން އޮތް ބްރިޖަށްވުރެ ދިގުވާނެއެވެ. އެއީ ގާތްގަނޑަކަށް 1.3 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އެހެންކަމުން، ރައީސް ސާލިހުގެ ސަރުކާރުން، އެ މަޝްރޫއެއްގެ މަސައްކަތް، ދެ އަހަރުގެ ތެރޭގައި، ނިންމަން އަމާޒު ހިފާފައިވާ، މި ބިޔަބޮޑު މަޝްރޫއު ވެގެންދާނީ، ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ބޮޑު މަޝްރޫއަށެވެ.

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއު ނިންމަން ލަނޑުދަނޑި ކަނޑައަޅައިފައިވަނީ، 2023 ގެ އެޕްރީލް ނުވަތަ މޭމަހާ ހިސާބަށެވެ. އަދި މި މަޝްރޫއު ނިންމައި، މި ބިޔަ ބްރިޖު ހުޅުވިގެން ދާއިރު، މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ، އެއްވެސް ޓޯލެއް ނެގުމެއްނެތި، ރައްޔިތުންނަށް އެ މަގުތަކުން، ހިލޭ ދަތުރު ކުރެވޭނެ ބްރިޖަކަށް ވުމެވެ.

- ކޮމެންޓް