ކ. މާލެ
|
28 ޖެނުއަރީ 2022 | ހުކުރު 05:46
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ހެލްތު މިނިސްޓްރީ
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 22 ވަނަ ފަހަރަށް އިތުރުކޮށްފި
މި މުއްދަތު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ވަނީ ދަންމާލާފައި
ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސްދުވަހަށް ދިގުދަންމާލައިފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވި ގަރާރުގައި ވަނީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، 29 ޖެނުއަރީ 2022ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

ކޮވިޑް-19 އިތުރަށް ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި، އާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ. އެހެންކަމުން އެންމެ ފަހުން އިއުލާނުކުރި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު އެއް މަހަށް ދަމަހައްޓަން ނިންމެވީ ކަމަށް ގަރާރުގައިވެއެވެ. އެހެންކަމުން މި މުއްދަތު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ވަނީ ދަންމާލާފައެވެ.

އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. މި ހާލަތުގައި ބަލި ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ.

ރާއްޖޭގެ މިހާރުގެ ކޮވިޑްގެ ހާލަތަށް ބަލާއިރު ރިކޯޑް މިންވަރަކަށް މީހުން އަންނަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުވެސް މުޅި ރާއްޖެއިން 2499 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ހުރީ 128،089 ގައެވެ. އަދި 274 މީހަކު މިބަލީގައި ނިޔާވެފައިވެއެވެ.

- ކޮމެންޓް