ކ. މާލެ
|
27 ޖެނުއަރީ 2022 | ބުރާސްފަތި 23:15
ކޮވިޑްއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑްއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
އިތުރު 2499 މީހުން ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 16950ށް
މާލެ ސަރަހައްދުން 1280 މީހުން ޕޮޒިޓިވްވެފައިވޭ
އަތޮޅުތެރޭގެ ރަށްރަށުން 697 މީހުން ޕޮޒިޓިވްވެފައިވޭ
54 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު، މާލޭގެ ޕޮޒިޓިވްޓިވީ ރޭޓް ހުރީ 39ގައި

ކޮވިޑް-19ށް އިތުރު 2499 މީހުން ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 16،950ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ން 7019 ސާމްޕަލެއް ނަގާފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 3904 ސާމްޕަލް ހިމެނެއެވެ.

އެޗްޕީއޭއިން ބުނީ އެ ސާމްޕަލްތަކުގެ ތެރެއިން އިތުރު 2499 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި، މާލެ ސަރަހައްދުން 1280 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަތޮޅުތެރޭގެ ރަށްރަށުން 697 މީހުން ޕޮޒިޓިވްވެފައިވާއިރު، ހިންގަމުންދާ ރިސޯޓުތަކުން 56 މީހުން، ސަފާރީއަކުން އެކަކު ޕޮޒިޓިވްވެފައިވެއެވެ. އަދި 465 މީހުން ޕޮޒިޓިވްވެފައިވަނީ ކޮން ސަރަހައްދަކުންކަން ދެނެގަނެވިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު މިހާތަނަށް 128،089 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 110،852 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

އެޗްޕީއޭއިން ބުނީ 54 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި، މާލޭގެ ޕޮޒިޓިވްޓިވީ ރޭޓް ހުރީ 39 އިންސައްތާގައި ކަމަށެވެ. އަދި މިބަލީގައި 274 މީހަކު ނިޔާވެފައިވެއެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާއިރު، އަތޮޅުތެރޭގެ ގިނަ ރަށްތަކުން ވެސް ވަނީ ކޭސްތައް ފެނިފައެވެ. އެގޮތުން މިވަގުތުގެ މޮނިޓަރިންގެ ހާލަތުގައި 31 ރަށް އެބައޮތެވެ.

މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ. ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދިއުމަށް ނިންމާފައިވާއިރު، ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ނިންމާފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

- ކޮމެންޓް