ކ. މާލެ
|
26 ޖެނުއަރީ 2022 | ބުދަ 12:09
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ
ރާއްޖެއެމްވީ
މަހުމޫދުގެ މަރުގެ މައްސަލަ
މަހުމޫދުގެ މަރު: ވާރިސުންގެ ބަސް ނަގައި، ޙުކުމް ކުރުން 7 ފެބްރުއަރީގައި
 
ޝާ އަލޮމްގެ މައްޗަށް އިއްވާފައިވާ ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި
 
ވާރިސުން ކަރަންޓީންގައި ތިބުމާއެކު، ވާރިސުންގެ ބަސް ނެގުމުގެ ބައި ބުދަ ދުވަހު ކުރިއަށް ނުގެންދެވޭ
 
ދައުލަތުން ވަނީ ދައުވާތައް ސާބިތުވުމާއެކު، ވާރިސުންގެ ހެކިބަސް ނެގުމަށްފަހު އަދަބު ކަނޑައެޅުމަށް އެދިލައްވާފައި

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ޝާ އަލޮމްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެފައިވާތީ ވާރިސުން ސާބިތު ކުރުމަށް ހެކިބަސް ނަގައިފިއެވެ.

ޝާ އަލޮމްގެ މައްޗަށް އިއްވާފައިވާ ދެ ދައުވާސާބިތުވާކަމަށްކަނޑައަޅާފައިވަނީ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައެވެ. އެގޮތުން މި މައްސަލައިގައި ޝާ އަލޮމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ޝާ އަލޮމް ދައުވާއަށް އިއުތިރާފުވެ، ޝަރީއަތުގެ މަޖިލީހުގައާއި، އަދި ބުދަ ދުވަހުގެ އަޑުއެހުމުގައިވެސް އެ އިއުތިރާފް ދަމަހައްޓާފައިވާތީ އެއީ ސައްޙަ އިއުތިރާފެއް ކަމަށް ކަނޑަައަޅައި، ޝާ އަލޮމް މިއާގެ މައްޗަށް ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ގާޒީ އަހުމަދު ޝަކީލް ކަނޑައެޅުއްވިއެވެ.

މަހުމޫދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑާމެދު އަމަލުކޮށްފައިވާ ގޮތުން އުފުލާފައިވާ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާވެސް ދައުލަތުން އިއްވާފައިވާއިރު، އެ ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެއާއެކު އެ ދައުވާވެސް ސާބިތުވާކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.

ދައުލަތުން ވަނީ ދައުވާތައް ސާބިތުވުމާއެކު، ވާރިސުންގެ ހެކިބަސް ނެގުމަށްފަހު އަދަބު ކަނޑައެޅުމަށް އެދިލައްވާފައެވެ. އެގޮތުން މަހުމޫދުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަންކަމަަށް ދައުލަތުން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ބުނެފައިވެއެވެ.

ނަމަވެސް ބައެއް ވާރިސުން މިވަގުތު ބަލިކޮށް އުޅުމާއި، ބައެއް ވާރިސުން ކަރަންޓީންގައި ތިބުމާއެކު، ވާރިސުންގެ ބަސް ނެގުމުގެ ބައި ބުދަ ދުވަހު ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ގާޒީ ވަނީ ވާރިސުން ސާބިތު ކުރުމަށް ނަގަންޖެހޭ ހެކިބަހުގެ ބައި ކުރިއަށް ގެންދަވާފައެވެ. އެގޮތުން އދ.ދަނގެތީ މެޖިސްޓްރޭޓް ކޯޓަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅައިގެން ވަނީ އެ ބައި ކުރިއަށް ގެންދަވާފައެވެ.

ވާރިސުން ސާބިތު ކުރުމަށް އައި ފުރަތަމަ ހެކިވެރިޔާއަކީ އަހުމަދު އިމާދުއެވެ. އޭނާއަކީ މަހުމޫދުގެ ދަރިއަކާއި އިނދެގެން އުޅޭ މީހެކެވެ. އޭނާ ބުނާ ގޮތުގައި މަހުމޫދު ވަނީ އިހާނެތި މަރަކުން މަރާލާފައެވެ. އޭނާއަކީ މަހުމޫދުގެ ހަށިގަނޑު ގާތުން ދުއް، އަދި މަހުމޫދުގެ ޖަނާޒާގެ ކަންކަމުގައި ގާތުން އުޅުނު މީހެކެވެ. އޭނާ ބުނި ގޮތުގައި މަހުމޫދު ނިޔާވިއިރު ވާރިސުންގެ ގޮތުގައި ތިބީ އޭނާގެ އަންހެން ދަރިންކަމަށްވާ މަރިޔަމް ނައުމާއާއި، މަރިޔަމް މިޒްނާ އަދި ފިރިހެން ދަރިންގެ ތެރެއިން ފިޒާންއާއި، އަހުމަދު ފިރުޝާން، އިބްރާހިމް ފަރުޝާން އަދި މަހުމޫދުގެ މަންމައެވެ. މަހުމޫދުގެ ބައްޕަ މިވަގުތު ދުނިޔޭގައެއް ނެތެވެ. އެގޮތުން މަހުމޫދު މަރުވުމުގެ ކުރިން އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ.

އަދި މަހުމޫދު ނިޔާވިއިރު އޭނާގެ އަނބިމިހާ މޫމިނާ އުމަރުވެސް ދުނިޔޭގައި އެބަހުއްޓެވެ.

ދެން ހާޒިރުކުރީ އަލީ ވަހީދު އަބޫބަކުރެވެ. އޭނާއަކީ މަހުމޫދުގެ އަވައްޓެރިއެއްގެ އިތުރުން ގާތް މީހެކެވެ. ނަމަވެސް މަހުމޫދުއާއި ލޭގެ ގުޅުމެއް އޮންނަ މީހެއް ނޫނެވެ. ކައުންސިލުގެ އިސް ވެރިއެއްގެ ހައިސިއްޔަތުން މަހުމޫދުގެ މަރާއި ގުޅޭ ކަންކަމުގައި އޭނާ ވަނީ އިސްކޮށް އުޅެފައެވެ. ޝަރީއަތުން ވަނީ މަހުމޫދުގެ ވާރިސުން ސާބިތު ކުރުމުގެ ބައި ކުރިއަށް ގެންދަވާފައެވެ. އޭނާވެސް ވަނީ މަހުމޫދު މަރުވިއިރު އުފަން ދަރިންގެ ގޮތުގައި 5 ކުދިން ތިބި ކަމަށާއި، އާއިލާގެ މެމްބަރުން ތިބިކަމަށް ބުނެފައެވެ. ދަރިންގެ ތެރެއިން ނައުމާއަކީ ވަކި ބަނޑަކަށް ލިބިފައިވާ ކުއްޖެއްކަންވެސް ހެކިވެރިޔާ ފާހަގަ ކުރިއެވެ.

ދެ ހެކިވެރިންގެ ހެކިބަހަށް އަލިއަޅުވާލައްވާ ގާޒީ ވިދާޅުވީ، ދެން އޮންނަ މަޖިލީހަކަށް ވާރިސުން ކޯޓަށް ހާޒިރުކޮށް ވާރިސުންގެ ބަސް ނަންގަވާނެ ކަމަށެވެ. އެގޮތުން ބޭނުންވަނީ ގިސޯސްތޯ ނުވަތަ މަރުގެ ދިޔަތޯ ސާފު ކުރައްވައި، މައްސަލަ ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް