މާފުށީ ޖަލުގައި މިވަގުތު 44 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 210 ގައިދީއަކު ކަރަންޓީން ކޮށްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
ގައިދީންގެ އިތުރުން މިހާރު 7 އޮފިސަރަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ކަރަންޓީނުގައި އެއް އޮފިސަރަކު ހުރިކަމަށް ކަރެކްޝަންސް އިން ބުނެއެވެ. މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި އެ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
އޭގެފަހުން ކަރެކްޝަންސް އިން އަންނަނީ ކޮންމެ ދުވަހަކުހެން މާފުށީ ޖަލުގެ ކޮވިޑްގެ ހާލަތު ހާމަކުރަމުންނެވެ. އެގޮތުން ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެދުވަހު 63 ގައިދީން ޕޮޒިޓިވްވެފައިވެއެވެ. އަދި 419 ގައިދީން ކަރަންޓީނު ކޮށްފައިވެއެވެ. އެދުވަހު 5 ޕްރިޒަން އޮފިސަރުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެފަހުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހާ ހަމައަށް އައިއިރު ގައިދީންގެ އެކްޓިވް ކޭހުގެ އަދަދު 44ށް ތިރިވެފައިވާއިރު އޮފިސަރުންގެ އެކްޓިވް ކޭހުގެ އަދަދު ވަނީ 7ގައެވެ. މިހާތަނަށް 62 ގައިދީއަކު ބަލިން ފަސޭހަވެފައިވާއިރު 16 އޮފިސަރުން ވަނީ ބަލިން ފަސޭހަވެފައެވެ.
ކަރެކްޝަންސް އިން ބުނީ، ކަރަންޓީންގައި ތިބި ގައިދީން ތިބޭނީ އެހެން ގައިދީންނާ ވަކިން ކަމަށެވެ. އެމީހުންގެ ކަރަންޓީން މުއްދަތުގައި، ޖަލު ގޮޅިން ބޭރަށް ނުނެރޭނެ ކަމަށެވެ. އަދި ޕޮޒިޓިވްވާ ގައިދީން އެކަހެރި ކުރެވި، ބޭނުންވާ ސިއްޙީ ފަރުވާ ދެމުން ގެންދާ ކަމަށެވެ. ހާލަތު ގޯސްވެއްޖެ ނަމަ ފެސިލިޓީތަކަށް ގެންދިޔުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.
ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކުގެ އިތުރުން ކޯޓު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޮންލައިންކޮށެވެެ.
މީގެ ކުރިންވެސް ޖަލުތަކުގައި ހާލަތު ގޯސްވެ 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.
ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު ރާއްޖޭގައި އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުން އަންނަނީ 15،721 ކޭހެވެ. ކޮންމެ ދުވަހަކު ރިކޯޑް މިންވަރަކަށް ރާއްޖެއިން އަންނަނީ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.