ޗާޓާރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލި 150 ސްކޮލަޝިޕަށް 493 ފަރާތަކުން ކުރިމަތިލައިފިއެވެ.
ހަޔަރ އެޑިޔުކޭޝަނުން 150 ސްކޮލަޝިޕަށް ފުރުޞަޠު ހުޅުވާލީ މިދިޔަ ޑިސެމްބަރު 30 ގައެވެ. މި ފުރުސަތުގެ ސުންގަޑި ހަމަވީ މިމަހުގެ 20 ވަނަ ދުވަހު މެންދުރު 14:00 ގައެވެ.
މިއަހަރު ބޭއްވުނު ޕަބްލިކް އެކައުންޓެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މި ދާއިރާއަށް މީހުން ބިނާކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ވިދާޅުވެފައިވެފަވެއެވެ. މި ސްކޮލަޝިޕް ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި މަސައްކަތްޕުޅުތަކުގެ އެއް ބައިކަމަށް މި ސްކޮލާޝިޕްތައް ޢިއުލާން ކުރުމާއި ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ތިބެގެން ކިޔަވަން ހުޅުވާލި މި ސްކޮލަޝިޕްތަކުގައި އޭސީސީއޭ ސްކިލްސް ލެވެލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް، ސީމާ މެނޭޖްމަންޓް ލެވެލް އަދި ސީމާ ސްޓްރެޓީޖިކް ލެވެލްއަށް ކިޔެވޭނެ އެވެ.
ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ފަރާތްތައް ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދިނުމާއެކު އެކަޑަމިކް މެރިޓަށް ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކެނޑިޑޭޓުން ހޮވަން އިސްކަންދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ސްކޮލާޝިޕްގެ ދަށުން ނޮމިނޭޓް ކުރެވޭ ފަރާތްތައް މިނިސްޓްރީއިން ނޮމިނޭޓްކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހެ އެވެ. ތިން މަސް ދުވަހުގެ ތެރޭގައި ކިޔަވަން ނުފަށައިފިނަމަ ސްކޮލަޝިޕް ކެންސަލް ކުރުމުގެ އިޚްތިޔާރު ހަޔަރ އެޑިޔުކޭޝަނަށް ލިބިގެންވެ އެވެ.
ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓަންޓުންގެ ގޮތުގައި ޕަބްލިކް ސެކްޓަރުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ހަރަކާތްތެރިވާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މި ދާއިރާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިއީ، ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީންކުރުމަށް ޚާއްޞަކޮށްގެން ހުޅުވާލި މިފަދަ ފުރަތަމަ ސްކޮލަރޝިޕް ފުރުޞަތެވެ.