ހަރުކަށި ފިކުރާއި ދެކޮޅަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ބޮޑުކަމަށާއި އެކަން ބަލައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު މަސައްކަތެއް ކުރަމުންދާ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން ރައީސް އޮފީހުގައި ކައުންޓަރ ޓެރަރިޒަމް ޔުނިޓެއް ގާއިމް ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށައި، ފުލުހުންނާއި ސިފައިން ވެސް މި މަސައްކަތުގައި އުޅުއްވާ ކަމަށެވެ.
އަދި ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ހަރުކަށި ފިކުރު މައްސަލަތަކާއި ގުޅިގެން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ހަރުކަށި ފެތުރުމުގެ އަޑީގައި ނުވަތަ އެކަން ކުރާ ބަޔަކު ހޯދޭނެ ކަމަށެވެ.
މެއި 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ލިބަވަޑައިގެންނެވި އަނިޔާތައް ފަސޭހަވެއްޖެ ކަމަށާއި، މާތްﷲ ގެ އިރާދަފުޅާއެކު ހާލުކޮޅު އެއްކޮށް ރަނގަޅުވެއްޖެ ކަމަށެވެ. ރާއްޖެއަކީ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް އުޅެވޭނެތަނެއްކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މުޅި ދުނިޔޭގައި ވެސް ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށެވެ. ވަކިން ހާއްސަކޮށް ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅެމުންދާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިފަދަ ކަންކަމުގެ ތެރެއަށް ޒުވާނުން ވައްދަމުންދާ ކަމަށާއި، ހުރިހާ ހިސާބެއްގައި ވެސް އެކަން ހިނގަމުން އަންނާތީ އެކަމުން ސަމާލުވާން ޖެހޭ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ކަންކަން އޮންނަ ގޮތް ކިޔައިދީ އެފަދަ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން އާންމުން ހޭލުންތެރިކުރެވޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ސަރުކާރަކަށް ވެސް މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، ވަކިން ހާއްސަކޮށް ދިވެހި ސަރުކާރަށާއި، ލަންކާ ސަރުކާރުން އަދި ސަރަހައްދުގައި ވެސް ސީރިއަސް މައްސަލައެއްގޮތުގައި ބަލަންޖެހޭ ކަމަށެވެ. އަދި ގައުމުތައް ގުޅިގެން ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.