ކ. މާލެ
|
21 ޖެނުއަރީ 2022 | ހުކުރު 11:37
އާސެނަލާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން
އާސެނަލާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
އާސެނަލް ކަޓުވާލުމަށްފަހު ލިވަޕޫލް ފައިނަލަށް
ފައިނަލް މެޗުގައި ލިވަޕޫލް ނުކުންނާނީ ޗެލްސީއާ ދެކޮޅަށް
އާސެނަލް އަތުން ލިވަޕޫލް މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އާސެނަލް ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ލިވަޕޫލުން ހޯދައިފިއެވެ.

މިދިޔަ ހަފުތާގައި ލިވަޕޫލުގެ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެކަމަކު ބުރާސްފަތި ދުވަހުގެރޭ އާސެނަލުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުން ލިވަޕޫލް ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނީ މެޗުގެ 19 ވަނަ މިނެޓުގައެވެ. ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ. އޭގެ ފަހުން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލިވަޕޫލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. އާނޯލްޑް ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮޓާއެވެ. މި ލަނޑު އެންމެ ފުރަތަމަ އޮފްސައިޑް ލަނޑެއް ކަމަށް ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗު އާސެނަލުން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ ފަހު މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާސެނަލުގެ ތޯމަސް ޕާޓޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. މި މެޗުގައި ޕާޓޭއަށް ރަތް ކާޑެއް ދެއްކިއިރު، ކެމަރޫނުގައި ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ސްޓޭޖުން ގާނާ ކެޓުމުން، އޭނާ އާސެނަލުގެ ސްކޮޑާ ގުޅުނީ ބުރާސްފަތި ދުވަހެވެ.

މި މޮޅާއެކު އިންގްލެންޑުގެ ރަސްމީ ދަނޑު ކަމަށްވާ ވެމްބްލީ ސްޓޭޑިއަމުގައި އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗަށް ލިވަޕޫލް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ވާދަކުރަން ޖެހޭނީ ޗެލްސީއާއެވެ. ފައިނަލަށް ޗެލްސީ ދަތުރުކުރީ ސެމީގެ ދެ ލެގުންވެސް ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރުމަށްފަހުއެވެ.

މި ފަހަރުގެ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ލިވަޕޫލް ކުޅޭއިރު، އެ ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އެގޮތުން މިހާތަނަށް އަށް ފަހަރު ލިވަޕޫލުން އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައިވާއިރު، މިއީ އެ ޓީމުން މި މުބާރާތުގެ ފައިނަލުގައި ކުޅޭނެ 13 ވަނަ ފަހަރެވެ.

- ކޮމެންޓް