އިތުރު 2،742 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހު ރާއްޖެއިން 40 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 36 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖެހި ހަތަރު މީހުންނެވެ. އެ އާއިއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 397،330 ށް އަރާފައެވެ. މީގެ އިތުރުން ބުދަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒު 77 މީހުން ވަނީ ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 63 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 14 މީހުންނެވެ. ބުދަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒު 2،742 މީހުން ޖެހިއިރު، އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 2،537 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 205 މީހުންނެވެ.
ވެކްސިނޭޝަން ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމުގެ މަސައްކަތްތައް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލައިގެން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ދޭން ވަނީ ފަށާފައެވެ. ކޮވިޑް-19 ވެކްސިންގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 6 މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން ޖަހައިދޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، ބޫސްޓަރ ޑޯޒް ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އަދި ވެކްސިން ޖަހަން ދާއިރު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ނެތުމާއި، ކަރަންޓީންގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން ދެއްކޭނެ ހެދުމެއް ލުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ރާއްޖޭގައި ކުރިއަށްދާ ވެކްސިނޭޝަން ކެމްޕެއިނުގެ ތެރެއިން ޖުމްލަ 194 ވެކްސިނޭޝަން ސެންޓަރެއް މިހާރުވަނީ ގާއިމުކޮށްފައެވެ. އެއީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ނުވަ ސެންޓަރާއި، އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 185 ސެންޓަރެވެ.