ބުރާސްފަތި ދުވަހު އިތުރު 2،199 މީހަކު ރާއްޖޭގައި ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހުގެ ހަވީރު 06:00ން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 06:00އާ ހަމައަށް ރާއްޖެއިން 6،598 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން 2،199 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1،348 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 531 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 83 މީހުންނެވެ. އަދި ޕޮޒިޓިވްވީ ސީދާ ކޮންތާކުންކަން ދެނެގަނެވިފައި ނުވާ 237 ކޭހެއް ވަނީ ރެކޯޑު ކުރެވިފައެވެ.
އިތުރު 2،199 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 110،931ށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 10،537ށް އަރާފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 43 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.
ރާއްޖެއިން މި ބަލީގައި 269 މީހުން ނިޔާވެފައިވާއިރު، 100،112ށް މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 34 އިންސައްތައިގައެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.
ބުރާސްފަތި ދުވަހު 2،199 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ކޮވިޑް ކޭސްތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އެޗްޕީއޭން ލަފާކުރާ ގޮތުގައި ކޮވިޑުގެ މި ރާޅުގެ ޕީކް އަންނާނީ މިމަހުގެ ފަހުކޮޅު ނުވަތަ މިއަންނަ މަހުގެ ކުރީކޮޅުގައެވެ. އަދި ޕީކުގައި 6،000 އާއި 9،000 އާއި ދެމެދުގެ އަދަދަކަށް ދުވާލެއްގެ މައްޗަށް މީހުން ޕޮޒިޓިވްވާނެކަމަށް އެޗްޕީއޭން ލަފާކުރެއެވެ.