ކ. މާލެ
|
20 ޖެނުއަރީ 2022 | ބުރާސްފަތި 19:48
2019 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި އީގަލްސް ޓީމު
2019 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި އީގަލްސް ޓީމު
މިހާރު
ޔޫތު ޗެމްޕިއަންޝިޕް
ޔޫތު ޗެމްޕިއަންޝިޕް އަންނަ ހޯމަ ދުވަހު ފަށަނީ
މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެން
މި ފަހަރުގެ މުބާރާތުގައި ނުވަ ޓީމެއް ވާދަކުރާނެ

މި ސީޒަނުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕަކީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މީގެ ކުރިން މި މުބާރާތް 21 އަހަރުން ދަށަށް ޚާއްސަކޮށްގެން ބާއްވަމުން އައިރު، މިހާތަނަށް 19 އަހަރުން ދަށަށް ހާއްސަކޮށްގެން ޔޫތު ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެކަންޏެވެ. އެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުލަބު ގްރީން ސްޓްރީޓްސްއިންނެވެ.

މި ފަހަރުގެ މުބާރާތުގައި ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކުލަބެވެ. މި އަހަރުގެ މުބާރާތުގައި މަހިބަދޫ ވާދަކުރާއިރު، އެ ޓީމުން މީގެ ކުރިންވެސް ވަނީ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ.

މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ގުރުލުން ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދިޔައިރު، މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ކުލަބު އީގަލްސް އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ގްރީން ސްޓްރީޓްސް އާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ ގްރޫޕް ބީގައި ހަތަރު ޓީމެއް ހިމެނޭއިރު، އެ ޓީމުތަކަކީ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ވެލެންސިއާ އާއި މަހިބަދޫގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު، ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. ސެމީގެ މެޗުތައް އަންނަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހު 13 ވަނަ ދުވަހަށެވެ.

ސަސް އާއި އީގަލްސް ބައްދަލުކުރާ މެޗުން މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފަށާއިރު، އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރެވެ. އެ ފަހަރުގެ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އީގަލްސްއިންނެވެ. އެ ފަހަރުގެ މުބާރާތް ސައްތައިން ސައްތަ ރިކޯޑަކާއެކު އީގަލްސްއިން ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ މިހާތަނަށް ހަތަރު ފަހަރު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް