ނ. ލަންދޫ ޒުވާނުން އިސްނަގައިގެން އެ ރަށުގައި ކުއްޅަވައް ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ލަންދޫން މިކަމުގައި ހަރަކާތްތެރިވާ ޒުވާނުން ބުނީ އެންމެފަހުން އެރަށުން ގޯތި ދޫކުރިއިރު ގިނަ އަދަދެއްގެ ކުއްޅަވަށް ގަސްނަގާފައިވާކަމަށާއި، އެގޮތުން މިޕްރޮގްރާމްގެ މަޤްޞަދަކީ ކުއްޅަވަށް ނެތިދިޔަނުދީ އަލާކުރުންކަމަށެވެ.
އެޒުވާނުން ބުނީ މިއީ އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ލިއެސްއާއި އެ ރަށުގެ ޒުވާނުން ގުޅިގެން ހިންގާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގައި މިހާރު 130އެއްހާ ކުއްޅަވައް ގަސް ވަނީ އިންދާފައެވެ. އަދި އެޒުވާނުންގެ އަމާޒަކީ 1000 ގަސް ހަމަކުރުންކަމަށް ބުނެއެވެ.
މިޕްރޮގްރާމްގައި ގަސްތައް އިންދަނީ އެ ރަށުގެ ޗަކަބިން ތަކުގައެވެ. އެ ގަސްތަކަކީ ގޯތި ދޫކުރި އިރު އެތަނުގައި އޮތް ޗަކަބިންތަކުގައި ހުރި ގަސްތަކެއް ކަމަށް މައުލޫމާތުދެއެވެ.
ނ. ލަންދޫއަކީ ގުދުރަތީގޮތުން ރީތި އުފެދިފައިވާ ރީތި ކުޅިއެއް އޮންނަ ރަށެކެވެ. އަދި ކުރިން ގިނަ އަދަދެއްގެ ކުއްޅަވަށް ގަސް އެރަށުގައި ހުއްޓެވެ.