ރެކޯޑު އަދަދަކަށް ކޮވިޑްގެ ކޭސްތައް އިތުރުވެ، 2،000ށްވުރެ ގިނަ މީހުން ރާއްޖޭގައި އެއްދުވަސްތެރޭ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ ހަވީރު 06:00ން ފެށިގެން ބުދަ ދުވަހުގެ ހަވީރު 06:00އާ ހަމައަށް ރާއްޖެއިން 7،171 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން 2،137 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1،219 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 547 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 89 މީހުންނެވެ. މީގެ އިތުރުން ސަފާރީތަކުންވެސް 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވްވީ ސީދާ ކޮންތާކުންކަން ދެނެގަނެވިފައި ނުވާ 278 ކޭހެއް ވަނީ ރެކޯޑު ކުރެވިފައެވެ.
އިތުރު 2،137 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 108،732ށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 9،574ށް އަރާފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 43 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.
ރާއްޖެއިން މި ބަލީގައި 265 މީހުން ނިޔާވެފައިވާއިރު، 98،880ށް މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 36 އިންސައްތައިގައެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.
ބުދަ ދުވަހު 2،137 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ކޮވިޑް ކޭސްތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އެޗްޕީއޭން ލަފާކުރާ ގޮތުގައި މި މަހުގެ ފަހުކޮޅު ނުވަތަ މިއަންނަ މަހުގެ ފުރަތަމަކޮޅު މިއަދަދު އިތުރަށް މަތިވާނެއެވެ.