ޔާމީން ރަޝީދު މަރާލި މައްސަލަ ހައިޝަމާއި ޒިހާންގެ މައްޗަށް ސާބިތުވެ ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދާދި ދެންމެ ނިންމައިފިއެވެ.
މި މައްސަލައިގެ ހެކިންގެ ހެކިބަހުން ސާބިތުވެފައިވާ ގޮތުގައި ހައިޝަމަކީ މި މުޅި ހަމަލާ ރާވައި، ޓާސްކްތައް ހަވާލުކޮށް އެކަމުގައި އަމަލީ ގޮތުން އުޅުނު ފަރާތެވެ. އަދި މި ޙަމަލާ ދިނުމަށް އަމަލީ ގޮތުން ދެން ބައިވެރިވެފައިވަނީ ޒިހާންކަން ވަނީ ސާބިތުވެފައެވެ. އެހެންނަމަވެސް، ގަސްދު މަރު ސާބިތުކުރުމަށް ބަލާ މިންގަނޑުތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އެއްވެސް ޝައްކެއް ނެތް މިންގަނޑުން ބަލާއިރު ބާކީ ތިބި 4 މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެގޮތުން މި މައްސަލައިގައި ހިމެނޭ ޝިފާޒްއާއި ދިފްރާންއަކީ ޔާމީން ރަޝީދަށް ފާރަލައި، ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކެއްކަން ދައުލަތުން ކުރި ދައުވާގައި ބުނި ނަމަވެސް، ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަހުން އެކަން ސާބިތުނުވާކަމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ގަސްތު މަރު ސާބިތު ކުރުމަށް ބަލާ 3 ވަނަ ރުކުން ސާބިތުނުވާކަމަށް ގާޒީ ވިދާޅުވިއެވެ. ގަސްތު މަރު ސާބިތު ކުރުމަށް ބަލާ 3 ވަނަ އުންސުރަކީ އެމީހަކު މަރުވީ ޤާތިލުގެ އަމަލުގެ ނަތީޖާއަކުން ކަމަށް ވުމެވެ. މި މައްސަލައިގައި ޝިފާޒް ހާދިސާ ހިނގި ތަނުން ނުފެންނަކަމަށް ސިއްރު ހެކިވެރިޔާ 1 ބުނެފައިވާއިރު، ދައުލަތުގެ ދައުވާ ސާބިތު ކުރުމަށް ބާރުދޭ އިތުރު ހެއްކެއް ހުށައަޅާފައި ނުވާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
އިސްމާއިލް ރަޝީދާއި ހުސައިން ޒިޔާދުގެ މައްޗަށްވެސް ޤަސްދު މަރު ސާބިތު ކުރުމަށް ބަލާ 3 ވަނަ ރުކުން ސާބިތު ނުވާތީ އެމީހުންގެ މައްޗަށްވެސް މި ކުށް ސާބިތުނުވާކަމަށް ވަނީ ނިންމަވާފައެވެ.
ޔާމީން ރަޝީދު މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
މި މައްސަލައިގައި ހިމެނޭ ސިއްރު ހެއްކެއް ކަމަށް ބުނާ މީހެއްގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އެގޮތުން ސިއްރު ހެކިންގެ މައުލޫމާތު ލީކުވި މައްސަލައެއް ޕީޖީ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށައަޅާފައިވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ދާދި ފަހުން ވިދާޅުވެފައިވެއެވެ.
ޔާމީން މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ 23 އޭޕްރީލްވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. އެގޮތުން އޭނާ މަރުވެފައި ވަނީ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް އެރޭ 3:40 ހާއިރުއެވެ.