ކ. މާލެ
|
19 ޖެނުއަރީ 2022 | ބުދަ 00:08
ސަސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން
ސަސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ޕްރެޒިޑެންޓްސް ކަޕް
ދަ ގްރާންޑޭ ބަލިކޮށް ސަސް ހަތަރުވަނައަށް
ސަސްއިން ހަތަރުވަނަ ޔަގީންކުރީ 12 ޕޮއިންޓް ހޯދައިގެން
ސަސް މޮޅުވީ ދަ ގްރާންޑޭ އަތުން 4-1 ގެ ނަތީޖާއަކުން

ދަ ގްރާންޑޭ ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ޕްރެޒިޑެންޓްސް ކަޕުގެ ހަތަރުވަނަ ކަށަވަރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ސަސް މޮޅުވީ ދަ ގްރާންޑޭ އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ސަސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގް ހަސަން (އިއްބެ) އެވެ. މިއީ އޭރިއާ ތެރެއިން އިއްބެއަށް ދަ ގްރާންޑޭގެ ގޯލްކީޕަރު ސަމާހު ޝާދީ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި މި ފައުލާއި ގުޅިގެން ކީޕަރު ސަމާހަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.

އެއާއެކު ދަ ގްރާންޑޭގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ސަސްއިން ވަނީ މެޗުގެ 32 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބް (މުލަކޭ) އެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ އިއްބެގެ އެހީތެރިކަމާއެކުގައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިއްބެ ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ. އެކަމަކު ދަ ގްރާންޑޭއިން ވަނީ މެޗުގެ 84 ވަނަ މިނެޓުގައި ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާއިލް މަފާޒް އިބްރާހީމެވެ.

މި ނަތީޖާއާއެކު ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން މޮޅެއް ނުލިބި މުބާރާތް ނިންމާލަން ޖެހުނު ހަމައެކަނި ޓީމަކީ ދަ ގްރާންޑޭއެވެ. އެގޮތުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ދަ ގްރާންޑޭ ބަލިވިއިރު، އެ ޓީމަށް ލިބުނު ހަމައެކަނި ޕޮއިންޓަކީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ 1-1 އިން އެއްވަރުކޮށްގެން ލިބުނު ޕޮއިންޓެވެ. އެއާއެކު ލީގު ތާވަލުގެ އެންމެ ފުލުގައި ދަ ގްރާންޑޭ އޮތީ އެންމެ ޕޮއިންޓަކާއެކުގައެވެ. އަދި އަންގާރަ ދުވަހުގެރޭގެ މޮޅާއެކު ސަސްއިން ހަތަރުވަނަ ޔަގީންކުރިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަތް މެޗުން 12 ޕޮއިންޓް ލިބިފައެވެ.

- ކޮމެންޓް