އަންގާރަ ދުވަހު އިތުރު 1،594 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ހަވީރު 06:00ން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 06:00އާ ހަމައަށް ރާއްޖެއިން 5،870 މީހުން ކޮވިޑަށް ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 1،594 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 857 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 438 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 118 މީހުންނެވެ. މީގެ އިތުރުން ސަފާރީތަކުންވެސް 2 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އިތުރު 1،594 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 106،595ށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ 8،079ށް އަރާފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 40 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.
ރާއްޖެއިން މި ބަލީގައި 265 މީހުން ނިޔާވެފައިވާއިރު، 98،238ށް މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 24 އިންސައްތައިގައެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.