ޕްރެޒިޑެންޓްސް ކަޕުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ޔޫވީ މޮޅުވީ ޓީސީ އަތުން 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔޫވީ މޮޅުވިއިރު، މި މެޗަކީ މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ޔޫވީއަށް ކުޅެން ލިބުނު ފަހު މެޗެވެ. އަދި މި ފަހަރު ޕްރެޒިޑެންޓްސް ކަޕުގައި ޔޫވީ މޮޅުވީ މި މެޗުން އެކަންޏެވެ.
މި މެޗުގައި ޔޫވީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް (ޗުމްޕު) އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީން ލީޑު ފުޅާކުރިއިރު، މެޗުގެ 39 ވަނަ މިނެޓުގައި އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހަމްދާން (އައްޔަ) އެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ޔޫވީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ބައްކު ހުރަސްކޮށްދިން ބޯޅައަކުން އައްޔަ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޔޫވީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަނަޓޯލީ ވްލަސީޗޭވް (ޓޯނީ) އެވެ. މިއީ އޭރިއާ ތެރެއިން ޔޫވީގެ އިވާން ވެރާސްއަށް ޓީސީގެ ގޯލްކީޕަރު އާދަމް އިމްއާން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
އެކަމަކު އޭގެ މިނެޓެއް ފަހުން ޓީސީން ވަނީ މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޙްމަދު ޒައުލް ނާޒިމެވެ.
މި މޮޅާއެކު ޔޫވީއަށް މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ނިމުނުއިރު، އެ ޓީމު ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އެގޮތުން ކުޅުނު ހަތް މެޗުން ޔޫވީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ހަ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ޔޫވީ އަތުން ބަލިވި ޓީސީ އޮތީ ތާވަލުގެ ހަވަނައިގައި ހަތް މެޗުން ހަ ޕޮއިންޓާއެކުއެވެ.