ކ. މާލެ
|
17 ޖެނުއަރީ 2022 | ހޯމަ 08:45
ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން
ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން
ރޮއިޓަރސް
ވެކްސިން އަޕްޑޭޓް
އިތުރު 2،712 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިފި
ވެކްސިންގެ ފުރަތަމަ ޑޯޒު 25 މީހުން ޖަހާފައިވޭ
33 މީހުން ވެކްސިން ދެ ޑޯޒު ފުރިހަމަކޮށްފައިވޭ

ރާއްޖޭގައި އިތުރު 2،712 މީހަކު ކޮވިޑް-19ން ރައްކާތެރިވުމަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

އެޗްޕީއޭއިން މިމަހުގެ 15ވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ވެކްސިން ޖަހާފައިވާ މީހުން ތަފާސްހިސާބުތައް އާއްމުކޮށްފައިވާއިރު، ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު 25 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 15 މީހުންނާއި އަތޮޅުތެރެއިން 10 މީހުންނެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ޖުމްލަ އަދަދު ވަނީ 397،179ށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ އެދުވަހު 33 މީހުން ވެކްސިން ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން ހަތް މީހުންނާއި އަތޮޅުތެރެއިން 26 މީހުންނެވެ. އެއާއެކު ވެކްސިން ފުރިހަމަ ކުރި ޖުމްލަ އަދަދު ވަނީ 368،751ށް އަރާފައެވެ.

މީގެ އިތުރުން 2،712 މީހުން ބޫސްޓަރ ޑޯޒު ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 2،123 މީހުންނާއި އަތޮޅުތެރެއިން 589 މީހުންނެވެ. އެއާއެކު ބޫސްޓަރ ޑޯޒު ޖެހި ޖުމްލަ އަދަދު ވަނީ 32،527 ށް އަރާފައެވެ.

ވެކްސިނޭޝަން ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމުގެ މަސައްކަތްތައް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލައިގެން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ދޭން ވަނީ ފަށާފައެވެ. ކޮވިޑް-19 ވެކްސިންގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 6 މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން ޖަހައިދޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، ބޫސްޓަރ ޑޯޒް ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އަދި ވެކްސިން ޖަހަން ދާއިރު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ނެތުމާއި، ކަރަންޓީންގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން ދެއްކޭނެ ހެދުމެއް ލުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

- ކޮމެންޓް