ކ. މާލެ
|
17 ޖެނުއަރީ 2022 | ހޯމަ 13:15
ވިޔާނުދާ ކަންކަމަށް ރުފިޔާ ހޯދުމަށް ސަލާންޖަހާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުން
ވިޔާނުދާ ކަންކަމަށް ރުފިޔާ ހޯދުމަށް ސަލާންޖަހާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުން
ރާއްޖެއެމްވީ
މަގުމަތީގައި ސަލާން ޖެހުމުގެ މައްސަލަ
ސަލާން ޖަހަނީ ކީއްވެގެން؟
 
ޒަރޫރީ ބޭނުންތަކަށް ސަލާންޖަހާ މީހުން ވަކިނުވާ ދަރަޖައަށް މިހާރު ވަނީ ކަންކަން ގޮސްފައި
 
މަސްތުވުމަށްޓަކައި ރުފިޔާކޮޅެއް ހޯދުމަށްވެސް ބައެއް މީހުން ސަލާން ޖަހާ

މާލޭގެ އެކި ސަރަހައްދުތަކަށް ނަޒަރު ހިންގާލައިފިނަމަ މިހާރު ފެނިގެންދާނީ އެއްފަރާތެއްގައި އަތް ދިއްކޮށްގެން ތިބޭ މީހުންނެވެ. ވަކިން ޚާއްސަކޮށް އޭޓީއެމް އާއި، ބޮޑެތި ފިހާރަތަކުގެ އަދި މަޝްހޫރު ކެފޭ ރެސްޓޯރެންޓުތައް ކައިރީގައި މިޒާތުގެ މީހުން ހޭލަމޭލަވެ އުޅޭ މިންވަރު އިތުރެވެ. ނުވިތާކަށް ހޮސްޕިޓަލްތަކާއި ގިނައިން މީހުން އެއްވެއުޅޭ ހިސާބުތަކުންވެސް މި މީހުން ފެންނަލެއް ގިނައެވެ.

މީގެ 10 އަހަރު ކުރިއަށް ޖެހިލާނަމަ ސަލާންޖަހާ މީހުން ފެންނަނީ ވަރަށްވެސް މަދުންނެވެ. ބާޒާރުމަތިން އެކަންޏެވެ. އޭރު ސަލާންޖަހާ މީހުންނަކީ ހަގީގަތުގައިވެސް އިތުރު ގޮތެއް ނެތިގެން ސަލާންޖަހަން ނިކުންނަ މީހުންކަން އެންމެނަށްވެސް ކަށަވަރެވެ.

ނަމަވެސް މިއަދު ޒަމާނާއެކު މިކަމަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ރަނގަޅު ސިއްހަތެއް ލިބިފައިވާ މީހުންވެސް މިއަދު އަންނަނީ މަގުތަކަށް ނުކުމެ ސަލާންޖަހަމުންނެވެ. ނުވިތާކަށް މަސްތުވުމަށްޓަކައި ރުފިޔާކޮޅެއް ހޯދާލުމަށްވެސް މިއަދު ބައެއް މީހުން ސަލާން ޖަހައެވެ.

މިފަދަ ހާދިސާއަކަށް ޖެހިލާނަމެވެ. ބޮޑު ވިޔަފާރިއެއްކުރަން ނިކުމެ އުޅުނު ރެޔެއްގައި މަޖީދީމަގު ރެޑްވޭވްއާ އަގޯރާ ފިހާރަކައިރިއަށް ދެވުނު ވަގުތެކެވެ. ދެފިހާރަ ގުޅޭ ހިސާބުގައިވެސް ސަލާންޖަހާ މީހަކު އަތް ދިއްކޮށްލައިގެން އިނެވެ. ރުފިޔާއަކަށް އެދުމުން ރުފިޔާކޮޅެއްވެސް ދިނީމެވެ. އެނބުރި ސައިކަލަށް އަރަން ދިޔަ ވަގުތު އެތަނަށް އައި އެހެން މީހަކު ސަލާންޖަހަން އިން މީހާކައިރީގައި "ކޮބާ ބްރޯ މިހާރު ކިހާވަރެއް ލިބިއްޖެހޭ، ވަރުބަލިއްޔާ ބްރޯ ދޭ މަ މަޑުކޮށްލާނަމޭ" ބުނި އަޑު އިވުމުން ހައިރާންވިއެވެ.

އެހިސާބުން ޔަގީންވި ކަމަކީ އެއީ ކޮންމެހެން ގޮތެއް ނެތިގެން ސަލާންޖަހާ ބައެއް ނޫންކަމެވެ. ކޮންމެވެސް އެހެން ބޭނުމަކަށް ރުފިޔާ ހޯދުމަށް ސަލަންޖަހަނީއެވެ.

ރައްޓެއްސަކަށް ދިމާވި މިފަދަ އެހެން ހާދިސާއެކެވެ. އޮފީހަށް ދާންވެގެން ސައިކަލަށް އަރަން އުޅުނު ވަގުތު މީހަކު އައިސް އެހީއަކަށް އެދުނެވެ. ކަންދިމާކުރި ގޮތުން މިއީ ކޮންމެ އަހަރަކުވެސް ދެތިން ފަހަރު ދިމާވާ މީހެކެވެ. ކޮންމެ ފަހަރަކުވެސް ދައްކަނީ އެއްވާހަކައެކެވެ. ދަރިފުޅުގެ އަތް ބިންދައިގެންގޮސް ބޭސްފަރުވާ ކުރުމަށް ފައިސާގެ އެހީއެއް ވެދިނުމަށެވެ.

ސަލާންޖެހުމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގާ ބަޔަކު އުޅުނު ކަމުގައިވިޔަސް ހަމަ ހަގީގަތުގައިވެސް އިތުރު ގޮތެއް ނެތިގެން ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ސަލާންޖަހާ މީހުން މިހާރުވެސް އެބައުޅެއެވެ. މިސްކިތްްތަކުގެ ކައިރީގައާއި ގިނަގިނައިން މީހުން އެއްވެ އުޅޭ ހިސާބުތަކަށްގޮސް ސަލާންޖަހައިގެން ލިބޭ ލާރިކޮޅުން ދަރީންގެ ބަނޑުފުރާނަ މުއްތިކުރާ މީހުން މިހާރުވެސް އެބައުޅެއެވެ. މުޖުތަމައުގެ ފަރާތުން އެހީތެރިކަން ބޭނުންވާ މީހުންނަކީ ހަގީގަތުގައި މިއީއެވެ.

އަދުގެ މުޖުތަމައުގައި ކުރިން ބަޔާންކުރެވުނު ކަންކަން އިތުރުވުމާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ސަލާންޖަހާ މީހުނާއި އެނޫން މީހުން ވަކިނުވާ ދަރަޖައަށް ކަންކަން ހިނގައްޖެއެވެ. މީގެ ސަބަބުން ހެޔޮ ހިތުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހާއަށްވެސް އެފުރުސަތު މިހާރު ވަނީ ގެއްލިފައެވެ. ވިޔާނުދާ ކަންކަން ކުރުމަށް ސަލާންޖަހާ މީހުންނަށް އެހީތެރިވެދެވޭ ހާލަތްތައްވެސް މިހާރު ވަނީ ކުރިމަތިވާން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
މިހާރު ފެތުރެމުންދާ ރޯގާތައް ކޮންޓްރޯލްކުރުމަށް ސިޓީ ކައުންސިލާއި އެޗްޑީސީން ގިނަ މަަސައްކަތްތަކެއް ކޮށްދީފައިވޭ: މިނިސްޓަރު
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި