މާލެ ސަރަހައްދުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް 14 އިންސައްތައަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ހޮނިހިރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ށް ނެގި ސާމްޕަލްތަކުގެ ތެރެއިން 954 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއީ ޖެހިޖެހިގެން 900ން މަތިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރި ދެވަނަ ދުވަހެވެ. ހުކުރު ދުވަހު ވެސް 967 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރިއެވެ.
މި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 3605 ސާމްޕަލާއެކު ޖުމްލަ 7273 ސާމްޕަލް ވަނީ ނަގާފައެވެ. 954 މީހަކު ޕޮޒިޓިވްވިއިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 514 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 326 މީހުންނާއި، ރިސޯޓްތަކުގެ ޕޮޒިޓިވްވި 36 މީހުންގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި 6 މީހުންނެވެ. މި 24 ގަޑިއިރު ތެރޭގައި 72 މީހަކު ޕޮޒިޓިވްވީ ކޮން ތަނަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު ރެކޯޑް އަދަދަކަށް މީހުން ރަނގަޅުވިއެވެ. ހޮނިހިރު ދުވަހު 1958 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ޖުމްލަ 97،217 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިކް ކޭސްތަކުގެ އަދަދު 4877ށް ތިރިވެފައިވާ އިރު، މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަނީ 23 މީހުންނަށެވެ. މިހާތަނަށް 265 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.
މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 14 އިންސައްތައިގައެވެ. މިއީ އޭގެ ކުރީ ދުވަހުގެ އަދަދުތަކާ އަޅައިބަލާއިރު 3 އިންސައްތައިގެ އިތުރުވުމެކެވެ. މިއާއެކު މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.