ކ. މާލެ
|
16 ޖެނުއަރީ 2022 | އާދީއްތަ 15:47
ނެސްލޭ މައިލޯގެ ރާއްޖޭގެ ހެޑް ދިޝާން އަދި ރާއްޖޭގެ ތަޖްރިބާކާރު ދެ ކޯޗުން ކަމަށްވާ މުޙައްމަދު ޝިޔާޒް އާއި މުޙައްމަދު ނިޒާމް އަދި ކުޅިވަރު ނޫސްވެރިޔާ ފަރިޔާޒް
ނެސްލޭ މައިލޯގެ ރާއްޖޭގެ ހެޑް ދިޝާން އަދި ރާއްޖޭގެ ތަޖްރިބާކާރު ދެ ކޯޗުން ކަމަށްވާ މުޙައްމަދު ޝިޔާޒް އާއި މުޙައްމަދު ނިޒާމް އަދި ކުޅިވަރު ނޫސްވެރިޔާ ފަރިޔާޒް
ރާއްޖެއެމްވީ
ދިޝާން ވިޖެޔަވަރްދެނާ
ކުޅިވަރު އާއިލާގެ އެންމެ ގާތްް ބިދޭސީ އެކުވެރިޔާ "ދިޝާން" 16 އަހަރަށްފަހު އަމިއްލަ ގައުމަށް!
 
ކުޅިވަރުގެ އާއިލާ އިން ބުނަނަނީ ދުވަހަކު ވެސް ދިޝާންގެ ހިދުމަތް ދިވެހި ކުޅިވަރުން ފިލާގެން ނުދާނެ ކަމަށް
 
ދިޝާން އަކީ ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށް އެއްމެ ބޮޑު ސްޕޮންސަރޝިޕްތައް ހޯދައިދިން މޭސްތިރިޔާ
 
ދިޝާންގެ ޚިދުމަތްތައް ކުޅިވަރު އާއިލާއިން ބަލައިގަންނާނީ އުފަލާއެކު

ރާއްޖޭގެ ކުޅިވަރު އާއިލާއަށް ދިޝާން ވިޖެޔަވަރްދެނާ އަކީ ބީރައްޓެހި ނަމަކަށް ނުވާނެއެވެ. އެއީ ބިދޭސީ މީހެއް ކަމުގައިވިނަމަވެސް ކުޅިވަރު އާއިލާއަށް އެންމެ ބޮޑު އެހީއެއް މި ވޭތުވެދިޔަ 16 އަހަރު ވެދިން އެއް ފަރާތެވެ. މާލީ ގޮތުންނާއި، އަދި އެނޫން ގޮތްގޮތުންވެސް ކުޅިވަރަށް ދިޝާންގެ ފަރާތުން ނުލިބޭ އެހީއެއް މަދުވާނެއެވެ.

ކުޅިވަރު އާއިލާއާ އެކުވެރި ދިޝާންއަކީ ކޮންމެ ކުޅިވަރަކަށްވެސް އެއް ހަމައަކުން ޚިދުމަތް ވެދިން ފަރާތެކެވެ. އެކަން ކުޅިވަރު އާއިލާއިން އުފަލާއެކު ބަލައިގަންނާނެކަން ކަށަވަރެވެ.

އެހެންނަމަވެސް 16 އަހަރަށްފަހު ރާއްޖެ ދޫކޮށް އެނބުރި އަމިއްލަ ގައުމަށް ދާން ނިންމާފައިވާކަން ދިޝާން ވަނީ ރާއްޖެ ޓީވީއަށް ކަށަވަރުކޮށްދީފައެވެ. އެނބުރި ގައުމަށް ދިއުމުގެ ކުރިން ރާއްޖެ ޓީވީގެ ސްޕޯޓްސް ހެޑް ފަރިޔާޒަށް ދިޝާން ފޮނުވި އަސަރުގަދަ މެސެޖުގައި ވިދާޅުވީ އެނބުރި ލަންކާއަށް ދާން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި މިވަގުތު ކުރެވޭ އިހުސާސްތައް ބަހަކުން ބުނެދޭން ދަތި ކަމަށާއި، އަލުން ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނާނެ ކަމަށާއި، ރާއްޖެއާއި ކުޅިވަރު އާއިލާއަށް އަލްވަދާއު ކިޔުމަކީ ކުރާނެ ކަމެއް ނޫން ކަމަށެވެ.

ދިޝާން އިތުރަށް ވިދާޅުވީ، މި ވޭތުވެދިޔަ 16 އަހަރު ދުވަހު އެކި ގޮތްގޮތުން އޭނާއަށް އެހީތެރިވެދިން ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށާއި، ޚާއްސަކޮށް ރާއްޖޭގެ ކުޅިވަރު އާއިލާއަށް ހިފެހެއްޓުމެއް ނެތް ޝުކުރުއަދާކުރާ ކަމަށެވެ.

މިއީ ނިންމަން އެހާ ފަސޭހަ ނިންމުމެއް ނޫން. އަދި މިއީ އަހަރެން ރާއްޖެއަށް އަދި ރާއްޖޭގެ ކުޅިވަރަށް ކިޔާނެ އަލްވަދާއެއްވެސް ނޫން. އަހަރެން ރާއްޖޭގައި މި ހޭދަކުރި ދުވަސްތަކުގައި ކުޅިވަރު އާއިލާއިން ވެދިން އެހީތެރިކަން ދުވަހަކުވެސް ހަނދާނަކުން ނުފިލާނެ. އެހެންވެ އެ ހުރިހާ ފަރާތަކަށް ޝުކުރުއަދާ ކުރަން.
ނެސްލޭ މައިލޯގެ ރާއްޖޭގެ އެންމެ އިސްފަރާތް ދިޝާން ވިޖެޔަވަރްދެނާ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ފުޓްބޯޅައިގެ ހާލަތު އެއްމެ ބޮޑަށް ގޯސްވެގެންދިޔަ ދުވަސްވަރު ފުޓްބޯޅަ ކުރިޔަށްގެންދިޔުމަށް ފައިސާގެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައި ވަނީ މައިލޯއިން ކަމަށާއި އެކަމުގައި އެންމެ އިސްދައުރެއް އަދާކުރީ މައިލޯގެ ފަރާތުން ރާއްޖޭގައި ހުރި އެންމެ އިސްފަރާތްކަމަށްވާ ދިޝާން ކަމަށެވެ. ހާއްސަކޮށް ދިވެހި ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމައްޓަކައި ވައިޑީޕީ ޕްރޮގްރާމް ކާމިޔާބު ކުރުމަށް ދިޝާންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް ޖަވާ ފާހަގަ ކުރިއެވެ. އެހެން ކަމުން ދިޝާންގެ ހިދުމަތް އަބަދު ވެސް އެފްއޭއެމް އިން އަދި ދިވެހި ފުޓްބޯޅަ އާއިލާއިން ބަލައިގަންނާނެ ކަމަށާއި އަބަދު ވެސް ދިޝާންއަށް ޝުކުރުވެރިވާ ކަމަށް ޖަވާ ވިދާޅުވިއެވެ.

ތަޖުރިބާކާރު ކޯޗު އަދި މިހާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ވިދާޅުވީ، ދިޝާން ކުޅިވަރަށް ކޮށްދިން ޚިދުމަތްތަކަކީ އަގު ނުކުރެވޭނެ ޚިދުމަތްތަކެއް ކަމަށެވެ. ހާއްސަކޮށް ފުޓުބޯޅައަށް ކޮށްދިން ހިދުމަތްތައް ފާހަގަކުރާ ކަމަށެވެ. މޯހަން ވިދާޅުވީ، ދިޝާންގެ އިސްނެގުމުގެ މަތިން މައިލޯ ނުވަތަ ނެސްލޭގެ ޕްރޮޑަކްޓްތަކުން ކުޅިވަރަށް ވެދިން އެހީ އަދި އެހެން ފަރާތަކުން މިހާތަނަށް ވެދީފައިނުވާ ކަމަށެވެ. މައިލޯ ނުވަތަ ނެސްލޭގެ ނަމުގައި އެހީވެދިން ކަމުގައިވީ ނަމަވެސް އެއީ އަސްލު ދިޝާންގެ އެހީތެރިކަމާއެކު ކުރި ސްޕޮންސަރތަކެއް ކަމަށް މޯހަން ވިދާޅުވިއެވެ. މޯހަން ވިދާޅުވީ 16 އަހަރު ދިވެހި ކުޅިވަރަށް ދިޝާން ކޮށްދިން ހިދުމަތްތަކައް ޝުކުރުއަދާކުރާ ކަމަށެވެ.

ދިޝާން އަކީ ރާއްޖޭގެ ކުޅިވަރަށް ޚާއްސަކޮށް ފުޓުބޯޅައަށް މި ފަހުގެ ތާރީހުގައި އެންމެ ބޮޑު އެހީއެއްވި ފަރާތް. އެކަން ފުޓުބޯޅަ އާއިލާއިން ބަލައިގަންނާނީ އުފަލާއެކު. 16 އަހަރު ދިވެހި ފުޓުބޯޅައަށް ދިޝާން ވެދިން އެހީތެރިކަމަށް ހިތުގެ ފުންމިނުން ޝުކުރުދަންނަވަން. އަދި ދިޝާންއާ އޭނާގެ އާއިލާއަށް ފާގަތި މުސްތަގުބަލަކަށް އެދެން
ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ، ދިޝާން ރާއްޖެ ދޫކޮށް ދިއުން އެއީ ކުޅިވަރަށް ލިބުނު ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. ދިޝާންގެ އެހީތެރިކަމާއެކު މައިލޯގެ ފަރާތުން ވޮލީއަށް ލިބުނު ސްޕޮންސަރަކީ ވޮލީއަށް ލިބުނު އެންމެ ބޮޑު ސްޕޮންސަރ ކަމަށް ރަނޭ ވިދާޅުވިއެވެ. ރަނޭ ވިދާޅުވީ 16 އަހަރު ވަންދެން އާއިލާއާ ދުރުގައި ދިޝާން ކުޅިވަރަށް ކޮށްދިން ހިދުމަތް ފާހަގަކުރާ ކަމަށެވެ.

ދިޝާން ރާއްޖެ ދޫކޮށް ދިޔުން އެއީ ފޫ ނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ހާއްސަކޮށް ވޮލީބޯޅައަށް. އެއީ ވީއޭއެމްގެ އެންމެ ބޮޑު ސްޕޮންސަރު. އެދެނީ ދިޝާންއަށް ކާމިޔާބު މުސްތަގުބަލަކަށް
ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ)
މައިލޯގެ ރާއްޖޭގެ އެންމެ އިސްފަރާތް ދިޝާން އާއިއެކު، ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް - ރާއްޖެއެމްވީ

ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްޓަރީ އަދި މިހާރު ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުޙައްމަދު ވިދާޅުވީ ދިޝާންގެ މަސަައްކަތަކީ ރާއްޖޭގައި މައިލޯ ޕްރޮމޯޓްކުރުން ކަމަށާއި އެހެން ނަމަވެސް ޕްރޮމޯޝަނަކަށް ވުރެން ބޮޑަށް ދިޝާންގެ ފަރާތުން ފެނިގެންދިޔައީ އެކުވެރިކަމާއިއެކު ރާއްޖޭގެ ކުޅިވަރު ޕްރޮމޯޓްކޮށްދިނުމަށް މަސައްކަތްކުރި ފަރާތެއްގެ ގޮތުގައި ކަމަށެވެ.

"ދިޝާން އިނގިފައި އޮންނަނީ ކުޅިވަރުގެ ކޮންމެ ލެވެލް އަކަށްވެސް އެހީތެރިވެ އެއްބާރުލުން ދީ ހެދި މީހެއް ގޮތުގައި ނެސްލޭ މައިލޯގެ އެއްމެ އިސްމީހާގެ ގޮތުގައި ރާއްޖޭގައި ހޭދަ ކުރި ދުވަސްތަކުގައި އަޅުގަނޑަށް ފެނުނީ ކުޅިވަރެއް ކިޔައިފިތަ! ކޮންމެ ކުޅިވަރަކަށް ނެސްލޭގެ ސްޕޮންސަރ ފަންޑު ހުޅުވިފައި ހުރިތަން. އެކުޅިވަރެއްގެ ނުވަތަ އިވެންޓެއްގެ ޕާފޯމަންސް ލެވެލްއެއް ބެލުމެއް ނެތި ކުޅިވަރުގެ އެކި ލެވަލްތަކަށް އެހީތެރިވެ ބައެއް ކުޅިވަރުތަކުގެ ފެންވަރު މައްޗަށް ޖައްސާލުމުގައި ވަރަށް ބޮޑު ރޯލެއް ކުޅުނު، ދިޝާން ގެން ގުޅުނު އުސޫލުތައް. އަޅުގަނޑަށްވެސް އިނގޭ ދިޝާން އިންނެވި ގޮނޑިއަށް، އެކުންފުނިން ވަރަށް ކުޅަދާނަ ބޭފުޅެއް ފޮނުއްވަފާނެކަން. އެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. އެކަމަކު އަޅުގަނޑު ކަންބޮޑުވަނީ އެބޭފުޅާއަށް އަށް ދިވެހި ކުޅިވަރުގެ އެހީތެރިކަން އެންމެ ބޭނުން ވެފައި އޮތް ދިމަދިމާލަށް "ބުންވަރު" ރަނގަޅުކޮށްލަން މައިލޯ ޕެކެޓެއް ދިއްކޮލާން އިނގޭނީ ކިހާ ވަރަކަށް ކިހާ ދުވަހަކުންތޯ"
ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުޙައްމަދު

ކްރިކެޓް ބޯޑުގެ ނައިބް ރައީސް އަޙްމަދު މުޙައްމަދު (ދޮނާ) ވިދާޅުވީ ދިޝާން އަކީ ވަރަށް ޕްރޮފެޝަނަލްކޮށް ދިވެހި ކުޅިވަރަށް ހިދުމަތްކުރި މީހެއް ކަމަށާއި 12 އަހަރަށް ފަހު އެނބުރި ދާއިރު ވެސް ކުރިޔަށް އޮތް ދެއަހަރު ނޫނީ ތިން އަހަރުގެ ސްޕޮންސަރޝިޕްތައް ހަދާފައިވާ ކަމަށެވެ. ދިވެހި ކުޅިވަރަށް ދިޝާން ވެދީފައިވާ އެހީތަކަކި އަބަދުގެ އަބަދަށް ދެމިހުންނާނެ ހިދުމަތްތަކެއް ކަމަށާއި ކުޅިވަރުން ދިޝާންގެ ހިދުމަތް ދުވަހަކު ވެސް ފިލާގެން ނުދާނެ ކަމަށް ދޮނާ ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސްގެ ޗެއާމަން މޫސާ ރަމީޒް ވިދާޅުވީ ދިޝާން އަކީ ކުލަބު މޯލްޑިވްސް ކާމިޔާބު މުބާރާތަކަށް ހެދުމަށް ސްޕޮންސަރޝިޕްގެ ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ފަރާތެއް ކަމަށެވެ. ކުލަބު މޯލްޑިވްސްގެ 14 އަހަރުގެ ތާރީހުގައި ވެސް ދިޝާން ވަނީ ވަރަށް ގާތުން މަސައްކަތްކޮށްފައި ކަމަށާއި ދިވެހި ކުޅިވަރުގެ ކޮންމެ ދިމާއަކުން ވެސް ދިޝާންގެ ހިދުމަތް ފެންނަން ހުރިއިރު ކުޅިވަރުން އަބަދުވެސް ދިޝާންގެ ހަނދާންތައް އާވާނެ ކަމަށް ރަމީޒް ވިދާޅުވިއެވެ.

މައިލޯ ރޯޑް ޓު ބާސެލޯނާ ހަރަކާތުގެ ތެރެއިން - ސަން އޮންލައިން

ރާއްޖޭގެ މަޝްހޫރު އަންހެން ކުޅިވަރު ކުޅުންތެރިޔާ އަދި ފިއޮންތީ ސްޕޯޓްސް އެކަޑަމީގެ މުއައްސިސް އާއިޝަތު ނާޒިމާ ވިދާޅުވީ ރާއްޖޭގެ ކުޅިވަރަށް ކާމިޔާބަށް އެންމެ ބޮޑަށް މަސައްކަތް ކުރި ބިދޭސީއަކަށް ދިޝާންވާނެ ކަމަށާއި އޭނަގެ ސަބަބަބުން އެތައް ކުޅިވަރަކަށް އަދި ކުޅިވަރު ކުޅުންތެރިންނަކަށް ދިރުން ލިބިގެންދިޔަ ކަމަށެވެ. ކުޅިވަރުތަކަށް ސްޕޮންސަރ ދިނުމަށް ފަހު އެކަން ދިޝާންގެ ފަރާތުން ނިންމާލަނީ ނޫން ކަމަށާއި ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމާ ވިދާޅުވިއެވެ.

މައިލޯގެ ރާއްޖޭގެ ހެޑް ދިޝާން ވަނީ ކުޅިވަރު އާއިލާއަށް މައިލޯގެ ސްޕޮންސަރޝިޕް ދީގެން ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ކުޅިވަރުގެ ބޮޑެތި އިވެންޓްތައް ސްޕޮންސަރކޮށްފައިވާއިރު، ކުޅިވަރު އެސޯސިއޭޝަނުން ހިންގާ އާދައިގެ ޕްރޮގްރާމްތަކުން ފެށިގެން އެންމެ ބޮޑެތި މުބާރާތްތައް ވެސް މައިލޯއިން ވަނީ ސްޕޮންސަރ ކޮށްފައެވެ. މީގެ އިތުރުން ކުޅިވަރު ޕްރޮގްރާމްތަކާއި، ލައިވްތައް މައިލޯއިން ވަނީ މި ވޭތުވެދިޔަ 16 އަހަރު ސްޕޮންސަރކޮށްފައެވެ.

މައިލޯގެ ފަރާތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިޔަށްގެންދިޔަ ބޮޑެތި ބައެއް މުބާރާތް ސްޕޮންސަރކޮށްފައިވާއިރު އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތްތަކާއި ވޮލީބޯޅަ އެސޯސިއޭޝަނުން ކުރިޔަށްގެންދިޔަ ބޮޑެތި މުބާރާތްތަކުގެ އިތުރުން ކުޑަކުދިންގެ މައިލޯ ފުޓްބޯޅަ ފިއެސްޓާ އާއި ފުޓްސަލް މުބާރާތްތަކާއި ހޭންޑްބޯލް އެސޯސިއޭޝަނުންް ކުރިޔަށްގެންދިޔަ ގިިނަ މުބާރާތްްތަކެއްގެ އިތުރުން މާލެ އާއި އަތޮޅުތެރޭގައި ބާއްވާފައިވާ ގިނަ މުބާރާތެއް ސްޕޮންސަރކޮށްފައިވެއެވެެ. އަދި ކުޅިވަރުގެ އިންޓަނޭޝަނަލް ބޮޑެތި މުބާރާތްތައް ރާއްޖޭގެ ޗެނަލްތަކުން ދެއްކުމަށް ޓަކައި ރައިޓްސް ހޯދުމަށް ކުރި މަސައްކަތްތަކުގައި ވެސް މައިލޯގެ މެދުވެރިކޮށް ދިޝާން ވަނީ ބޮޑެތި އެހީތެރިކަމެއް ވެދީފައެވެ. 

16 އަހަރު ރާއްޖޭގައި ދިޝާން މަސައްކަތްކުރިއިރު ދިޝާންގެ އެހީތެރިކަމާއި އެކު މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުބާރާތެއް ނެތް މަހެއް ނުދާނެއޭވެސް ބުނެވިދާނެ އެވެ. އެހާވެސް ބޮޑެތި އެހީތެރިކަމެއް މައިލޯ މެދުވެރިކޮށް ދިޝާންގެ ފަރާތުން ވަނީ ދިވެހި ކުޅިވަރަށް ފޯރުކޮށްދީފައެވެ.

ކުޅިވަރު އާއިލާގެ އެންމެގާތް ބިދޭސީ އެކުވެރިޔާގެ ގޮތުގައި ދިޝާން ހިމެނޭއިރު އެންމެ ތުއްތު ކުދިންގެ މުބާރާތްތަކުން ފެށިގެން ގޮސް އެކަޑަމީތައް ކުރިއެރުވުމަށް ވެސް އެތައް މިލިޔަން ރުފިޔާއެއް ދިޝާން ވަނީ މައިލޯ މެދުވެރިކޮށް ހޭދަކޮށްފައެވެ.

ދިޝާން އަކީ އެސޯސިއޭޝަންތަކުގެ އިތުރުން ކުޅިވަރު ކޯޗުންނާވެސް ގާތް ގުޅުމެއް ބާއްވާ ފަރާތެކެވެ. ރާއްޖެ ދޫކޮށް ދިޝާން ދާން ނިންމާފައިވާއިރު، މިއީ ރާއްޖޭގެ ކުޅިވަރު އާއިލާއަށް

ލިބިގެންދާނެ ބޮޑު ފަޅުކަމެކެވެ. އެހެންނަމަވެސް ދިޝާން ކުޅިވަރަށް ކޮށްދެއްވި މަސައްކަތް ކުޅީވަރު އާއިލާއިން ބަލައިގަންނާނީ ރަން އަކުރުންކަން ކަށަވަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
9%
0%
45%
0%
0%
45%
ކޮމެންޓް