ކ. މާލެ
|
14 ޖެނުއަރީ 2022 | ހުކުރު 20:44
ދަ ގްރާންޑޭ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
ދަ ގްރާންޑޭ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޕްރެޒިޑެންޓްސް ކަޕް
ދަ ގްރާންޑޭ އަތުން ޓީސީއަށް މޮޅެއް
ދަ ގްރާންޑޭގެ މައްޗަށް ޓީސީން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުން

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި ދަ ގްރާންޑޭގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބުން ކުރިހޯދައިފިއެވެ.

ހުކުރު ދުވަހު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ މިނެޓުގައި ދަ ގްރާންޑޭގެ ފޯވާޑް އިސްމާއިލް ނަޒީހަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. އޭގެ ފަހުން މެޗުގެ 11 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ޖަޒްލާން އާދަމަށްވެސް ލަނޑުޖަހަން ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ. އޭރިޔާ ތެރޭން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޓީސީގެ ކީޕަރު އިމްއާންއެވެ.

މި މެޗުގައި ޓީސީން ލީޑު ނެގީ މެޗުގެ 14 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދާނިޝް އިބްރާހީމް އެވެ. މިއީ ދަ ގްރާންޑޭގެ އޭރިއާ ތެރެއިން އެ ޓީމުގެ މުސްރިފު މޫސާ ޓީސީގެ އަހުނަފް މުޙައްމަދު ތަސްނީމް (ނަފްކޮ)އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަސް މިނެޓު ފަހުން ޓީސީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ ތޮލާލް ނަސީރު (ތޮލް) ގެ އެހީތެރިކަމާއެކު ނަފްކޮ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މެޗުގެ 41 ވަނަ މިނެޓުގައި ތޮލް ވަނީ ޓީސީއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ދަ ގްރާންޑޭއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުސްރިފްއެވެ.

ޓީސީން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ އީގަލްސް ބަލިކޮށްފައެވެ. އޭގެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވީ އެެވެ. ގްރާންޑޭ އަތުން މޮޅުވެ، ޓީސީ އޮތީ ހަ މެޗުން ހަ ޕޮއިންޓް ހަމަކޮށް ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ހަ ވަނައިގައެވެ. ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

- ކޮމެންޓް