ކ. މާލެ
|
14 ޖެނުއަރީ 2022 | ހުކުރު 19:03
ށ. ކޮމަންޑޫ ޕްރޮޖެކްޓް - މަތިކޮމަންޑޫގެ ބިން ހިއްކާ، ކޮމަންޑޫއާއި ބްރިޖަކުން ގުޅުވާލާނެ
ށ. ކޮމަންޑޫ ޕްރޮޖެކްޓް - މަތިކޮމަންޑޫގެ ބިން ހިއްކާ، ކޮމަންޑޫއާއި ބްރިޖަކުން ގުޅުވާލާނެ
ރާއްޖެއެމްވީ
ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުން
އެއިރު އެއީ ހުވަފެނެކެވެ. މިއަދު އެ ހުވަފެނުގައި ސަރުކާރުން އެދަނީ ކުލަޖައްސައިދެމުންނެވެ.
 
ދެ ކޮމަންޑޫ ފާލަމަކުން ގުޅާލެވޭނެ
 
މިއީ 250 މިލިއަން ރުފިޔާގެ މަޝްރޫއެއް

ށ. އަތޮޅު ކޮމަންޑޫއަކީ އާބާދީގައި 1800 އެއްހާ މީހުން ދިރިއުޅޭ ހިތްޤައިމު ރަށެކެވެ. ދިވެހި ތާރީޚުގެ ތެރެއިން ބޮޑުތަކުރުފާނުގެ ކަޅުއޮށްފުންމީގެ ވާހަކައިގައި ނަންގަނެވޭ ރަށެކެވެ. ކުދި ކުދި މަގުތަކާއި ގޯޅިތަކުގެ ތެރޭގައި ގުޅިގެން ދިރިއުޅޭ ރައްޔިތުންތަކެއްގެ އަމާން ހަމަހިމޭން ރަށެކެވެ. ދިވެހި މަސްވެރި ކުޑަކުޑަ ރަށެކެވެ. ނަމަވެސް ތަރައްޤީ ކުރެވޭނެ ގުދްރަތީ މާހައުލެއްގައި އުފެދިފައިވާ ރަށެކެވެ.

ކޮމަންޑޫއަކީ ބިން ފުރިފައިވާ ރަކަށްވުމާއެކު މީގެ ކުރިން ކޮމަންޑޫގައި ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ހިންގާފައިވެއެވެ. ނަމަވެސް ކޮމަންޑޫ އޮންނަ ފަޅުގެ ސަބަބުން ކޮމަންޑޫއަށް އެކި ފަހަރު މަތިން ރާޅުއަރައި، ހިއްކާފައިވާ ބިން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުން ނުކުރެވިފައެވެ. އެހެންކަމުން މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކޮމަންޑޫގައި މިހާރު ގާއިމުކޮށްފައިވާ ތޮށި މަރާމާތުކޮށް، ކޮމަންޑޫގެ ބިން ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ބިމަކަށް ހެދޭނީ ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލައިގެންނެވެ.

ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ "އަޅުގަނޑުމެން މިއަދު މަސައްކަތް ފަށާ ވާހަކަ (މަތިކޮމަންޑޫއާއި ކޮމަންޑޫ ގުޅާލާ ވާހަކަ) ބުނީމާ ބަޔަކު ބުނެފާނެ މިއީ ކެމްޕެއިނަކާ ދިމާކޮށް މަސައްކަތް ފަށަނީއޭ. އެހެން އެބޭފުޅުން ވިދާޅުވިއަސް މިމަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށައިގެން ކުރިޔަށް ގެންދާނަން. މިއީ މިރަށުގެ ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވައުދެއް. އަޅުގަނޑުމެން މިކަން ފުއްދައިދޭންޖެހޭނެ. މިއަކާ ކެމްޕެއިނާ ގުޅުމެއްނެތް. މިއީ ހަމަ ފުލް ސްޕީޑްގައި އަވަހަށް ކޮށްނިންމަންޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ ޕްލޭން ހަދާ ނިމިފައިވަނީ. ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިތަނުން އެމަންޒަރު ފެނިގެންދާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.

12 ޖެނުއަރީ 2022 ގައި. ށ. ކޮމަންޑޫ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިގެންދިޔައެވެ. 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވުނު 250 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ށ. މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކިގެންދާނެއެވެ. ށ. މަތިކޮމަންޑޫގައި 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށިލެވިގެންދާނެއެވެ. މަތިކޮމަންޑޫގައި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ޤާއިމް ކުރުމާއި، ކޮމަންޑޫއާއި މަތިކޮމަންޑޫއާ ދެތެރޭ 200 މީޓަރުގެ ފާލަމުގެ ލިންކަކުން ގުޅާލެވޭނެއެވެ. އަދި ށ. ކޮމަންޑޫގެ ހިއްކިބިމުގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން އަދި ބަނދަރުގެ ކަންޑުތޮށި މަރާމާތް ކުރެވޭނެއެވެ.

މަސައްކަތް ހަވާލުކުރެވުނުތާ ހަފްތާއެއްވެސް ނުވަނީސް ށ. ކޮމަންޑޫގެ އުމްރާނީ ތަރައްޤީގެ މި ބިޔަ މަޝްޜޫއު ވަނީ ފެށިގެން ގޮސްފައެވެ. ރަށްވެހި ތަރައްޤީގެ އާއްމު އުސޫލުގެ މަތިން ސަރުކާރާއި އެމްޓީސީސީގެ ހަލުވި ސްޕީޑްގައެވެ.

ށ. އަތޮޅަށް ސަރުކާރުން ރާވާފައިވާ ފަތުރުވެރިކަމާއި އިތުރު އިޤްތިސާދީ މަޝްރޫއު ތަކުގައި ކޮމަންޑޫގެ ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމުގެ އިހްސާސްކުރެވި، އުފާވެރި މުސްތަޤްބަލަކަށް އުއްމީދު ކުރެވެން ފަށައިފިއެވެ. ހަޤީޤީ ރަށްވެހި ތަރައްޤީގެ އުފަލާއި ހިތްހަމަޖެހުން އިހްސާސް ކުރެވެން ފަށައިފިއެވެ. އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި ގަދަރުވެރި، ހިތްފަސޭހަ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ޔަޤީންކަން މިއަދު ކޮމަންޑޫ ރައްޔިތުންނަށް ލިބިއްޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
75%
0%
0%
25%
0%
ކޮމެންޓް