ކ. މާލެ
|
14 ޖެނުއަރީ 2022 | ހުކުރު 14:29
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު
ރާއްޖެއެމްވީ
ކުޑަކުދިންނަށް ރައްކާތެރިވުން
ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
ކުޑަކުދިން ގްރޫމްކޮށްގެން ޓެރަރިޒަމްގެ އަމަލުތަކެއް ކުރުމަށް ވެސް ވަނީ މަސައްކަތްކޮށްފައި
ކުޑަކުދިން ގްރޫމް ކުރުމުގެ މައްސަލަތައް އިތުރު
އޮޅުވާލައިގެން އަތޮޅުތެރެއިން ކުދިން މާލެއަށް ގެނޭ

ކުޑަ ކުދިންނަކީ ގައުމުގެ މުސްތަގުބަލެވެ. މިގައުމުގެ ކުރިމަގެވެ. މާދަމާ މިގައުމަކީ އަމާންރައްކާތެރި ގައުމަކަށް ހެދުމަށް އެކުދިންނަށް ރައްކާތެރިކަން ދޭން ޖެހެއެވެ. އެކުދިންނަށް ތައުލީމް ފޯރުކޮށްދޭން ޖެހެއެވެ. ގާބިލް ބަޔަކަށް ހެދުމަށް މަސައްކަތް ކުރަންޖެހެއެވެ. ނަމަވެސް މިއަދު މިމުޖުތަމައުއިން ގިނައިން ފެންނަމުންދަނީ ކުދިންނަން އިހުމާލުވާ މައްސަލަ ތަކެވެ. އެކުދިން ޝިކާރަކޮށްގެން ކޮންމެވެސް އަނިޔާއެއް ދޭ މަންޒަރެވެ. މިގޮތަށް މިކަން ދެމިގެންދާނަމަ މިއީ ގައުމަށް ނަގަމުންދާ ބަނަ ބޮޑު ވިލާގަނޑަށް ނުމެ ނުދާނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދޭ ގޮތުގައި ކުޑަ ކުދިން ގްރޫމްކޮށްގެން ކުށްތައް ކުރާ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. ކުށުގެ މާހައުލުގައި ކުޑަކުދިން ގެންގުޅުމާއި ކުޑަކުދިން ބޭނުންކޮށްގެން އެކި ބާވަތްތަކުގެ ކުށްކުރުން ކުރިޔާ އަޅާބަލާއިރު މިހާރު އިތުރެވެ. އަދި ބޮޑެތި މީހުން ހިންގާ ކުށްކުށުގައި ކުޑަކުދިން ބައިވެރިކުރުމަކީ ސީރިޔަސް މައްސަލައެއް ކަމަށްވާއިރު، ކުޑަކުދިން ގްރޫމްކޮށްގެން ޓެރަރިޒަމްގެ އަމަލުތަކެއް ހިންގުމަށްވެސް ވަނީ މަސައްކަތްކޮށްފައެވެ.

މިކަމުގެ ސީރިއަސް ކަމާއިބެހޭ ގޮތުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފާރިޝް ވިދާޅުވެފައިވަނީ ކުޑަކުދިން ގްރޫމް ކުރުމުގައި އާންމުގޮތެއްގައި އަތޮޅުތެރޭގައި އުޅޭ ކުދިންނަށް ރަނގަޅު ގޮތެއް ހޯދައިދޭނެކަމެއް ބުނެ މާލެ ގެނެސްގެން އެކުދިން ބޭނުންކޮށްގެން ކުށްކުރާ ކަމަށެވެ. އަދި އެގޮތަށް ކުދިން މާލެ ގެންނައިރު ގެންނަނީ ކުއްޖާގެ މައިންބަފައިންނަށްވެސް އެނގިގެންކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި ބައެއް ފަހަރު އާއިލާގެ ތެރެއިން ކޮންމެވެސް މީހަކާއި ގުޅިގެންވެސް ކުދިން ގެނެސްފައި އެބަހުރިކަމަށް ފާރިޝް ވިދާޅުވިއެވެ.

މައިންބަފައިންނަށް ކުދިން ގެންނަ މީހުން ދައްކަނީ މުޅިން އެހެން މަންޒަރެކެވެ. އެކުދިން ސްކޫލަށް ފޮނުވާ ނުވަތަ ކުދިންނަށް ރަނގަޅު ތައުލީމެއްދޭނެ ކަމުގެ ހުވަފެން ދައްކައެވެ. މައިންބަފައިންނާއި މާދުރަށް ގެނެސް ކުއްޖާލައްވާ ކުރުވަނީ މައިންބަފައިންގެ ހިތަށް ވެސް ނުގެނެވޭ ފަދަ ނުރައްކާތެރި ބިރުވެރި ކަންކަމެވެ. އެހެންކަމުން މިއަދު ކުއްޖާ ދުރުބަޔަކާއެކު ފޮނުވާލާއިރު، އެކަމާއި މެދު މައިންބަފައިން މާބޮޑަށް ވިސްނައި ހޭލުންތެރިވާން ޖެހެވެއެވެ. ކުއްޖާއާ ދުރުގައި ދިރިއުޅުނު ކަމުގައި ވީ ނަމަވެސް ކުއްޖާގެ އަމަލުތައް ގާތުން ބަލަންޖެހެއެވެ. އެހެން ނޫން ކަމަށްވާނަމަ ކުއްޖާ ޝިކާރަކުރާނީ ކޮން ވަގުތަކު ކަމެއް ނޭނގެއެވެ.

ކުދިން ކުށުގެ ވެއްޓަށް ވެއްދުމަށް ތަފާތު އުކުޅުތައް ވެސް ގެންގުޅެއެވެ. އެގޮތުން އެކުށްތައް ކުރުމަކުން އަދި ކުއްޖާ ކުށްވެރިވަނީ ނޫންކަމަށް ވިސްނައިދެއެވެ. ކުށްކުރާ ހިސާބުން ނުވަތަ ކުށުގެ ތުހުމަތުގައި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ހިސާބުން ނުވަތަ މުއްދަތު ޖަހަން ކޯޓަށް ގެންގޮސް ބަންދުގެ މުއްދަތު ދަމަހައްޓާ ހިސާބުންވެސް ކުއްޖާއަށް އެއީ ކުށްވެރިއެއް ނޫންކަމަށް ބަޔަކު ވިސްނައިދޭ ކަމަށް ފުލުހުން ބުނެއެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ނުރަނގަޅު ވިސްނުންތައް ވިސްނައިދެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންގެ ނިސްބަތް އިތުރުވަމުންދާއިރު، އާއިލީ މައްސަލަތަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ، އަހުލާގީ މައްސަލަތަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަދި ހައްގުތަކުން ކުޑަކުދިން މަހުރޫމްކުރުމުގެ މައްސަލަތައް ވެސް އިތުރުވެއެވެ.

ޖެންޑާ މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލަ ނޮވެންބަރު މަހު އެކަނި ވެސް ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 29 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 21 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 06 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ 05 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 04 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ ހުށަހެޅިފައިވެއެވެ.

ގައުމުގެ ހުރިހާ ދިމާލަކަށް ބަލާލިއަސް މިއަދު ކުޑަކުދިންނަށް އޮތް ނުރައްކާ ވަރަށް ބޮޑެވެ. އެކަން މިއަދު ކަމާގުޅުން ހުރި މުއައްސަސާތަކުން ހާމަކުރާ ތަފާސްހިސާބުތަކުން ހާމަވެގެންދެއެވެ. ހިއުމަން ރައިޓްސް ވޮޗުން ދިވެހިރާއްޖޭގައި ހުރި އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކާ ގުޅޭ ގޮތުން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވަނީ ޖިންސީ ގޯނާގެ މައްސަލަތަކާއި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް މިސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދު އެކަން ބަދަލުކުރުމަށް ގިނަ މަސައްކަތްތައް ކުރަން ޖެހެއެވެ. މުއައްސަސާތައް ހޭލަން ޖެހެއެވެ. ވެރިން ޒިންމާ އަދާކުރަން ޖެހެއެވެ. ވަރަށް ޒަމާނީ ސްމާޓް ގޮތަކަށް ކުދިން ޝިކާރަ ކުރަމުންދާއިރު، ސްމާޓް ގޮތްގޮތަށް ކުދިންނަށް އަމާންވެއްޓެއް ގާއިމްކޮށްދޭން ޖެހެއެވެ. ކުށްކުރާ މީހުންގެ ވަނަވަރު ހާމަ ނުކޮށް ދެއަހަރު ފާއިތުވެގެންދާއިރު އުސޫލު ހަރުދަނާކުރަނީ ކަމަށް ބުނުމުން އެކަން ބަލައެއް ނުގަނެވެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ނުކުރެވޭނަމަ ޖީލެއް ހަލާކުވެ ދިއުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

- ކޮމެންޓް