ކ. މާލެ
|
14 ޖެނުއަރީ 2022 | ހުކުރު 01:02
ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ޕްރެޒިޑެންޓްސް ކަޕް
އީގަލްސްއާ އެއްވަރުވެ ވެލެންސިއާއަށްވެސް ޕްރެޝަރު
އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

ޕްރެޒިޑެންޓްސް ކަޕުގައި އީގަލްސްއާ އެއްވަރުވެ ވެލެންސިއާއަށްވެސް ފައިނަލުގެ ޖާގަ ހޯދަން ޕްރެޝަރާ ކުރިމަތިވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިންއެވެ. މިއީ ވެލެންސިއާގެ މިސްރު މިޑްފިލްޑަރު ހަލީލް ޖަމާލްގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ވެލެންސިއާގެ އިސްމާއިލް ޒާން އާމިރަށް ވަނީ ލީޑު ފުޅާކުރަން ހުސް ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭރިޔާތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ އީގަލްސްގެ ކީޕަރު މުޙައްމަދު ތޯހާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 15 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ހުމައިދު ހަސަންގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަސަން (އައްމަޑޭ)އެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި އަޙްމަދު ރިޒްވާން (ރިޒޭ) ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގައިފައެވެ. މިއީ އީގަލްސްގެ ހަސަން ރާއިފް އަހްމަދު (ހަންނަ) އަށް ވެލެންސިއާގެ ސަމްދޫހް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ރިޒޭ ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، އިސްމާއީލް އީސަ (މެސީ)އެވެ.

މެޗުގެ އިތުރުވަގުތުގައި ވެލެންސިއާގެ ހުސައިން ހަނާން (ޖޯ)އަށް ކުރި ފައުލަކަށް އީގަލްސްގެ ހުމައިދަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިފައެވެ.

މި ނަތީޖާއާއެކު ވެލެންސިއާއިން ލީގު ތާވަލުގެ އެއްވަނައަށް ޖެހެލީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ގްރީން ސްޓްރީޓަށާއި، ތިންވަނައިގައި އޮތް މާޒިޔާއަށް ހަ މެޗުން 15 ޕޮއިންޓް ވަނީ ލިބިފައެވެ. ގްރީންއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ޕްރެޒިޑެންޓްސް ކަޕުގައި މި ތިން ޓީމަށްވެސް ބާކީ އޮތީ އެއް މެޗެވެ.

- ކޮމެންޓް