ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ވަނަވަރު ހާމަކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގައި ބުނާ ކުށްތަކަށް އަރައިގަންނަ މީހުންގެ ވަނަވަރު ޖެންޑަރ މިނިސްޓްރީން އާންމު ކުރަންޖެހެ އެވެ. މައުލޫމާތު ހާމަކުރަންޖެހެނީ އެކަމަށް ހަދާ ޚާއްސަ ވެބްސައިޓަކާއި އެސްއެމްއެސް މެދުވެރިކޮށެވެ. އެގޮތުން އެފަދަ މައުލޫމާތުތައް އޮފެންޑާސް އެމްވީ ވެބްސައިޓުގައި ބައެއް މީހުންގެ ވަނަވަރު ހާމަކޮށްފައިވެއެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ވެބްސައިޓް އަޕްޑޭޓް ވެފައިނުވެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ އޮފެންޑާސް އެމްވީ ވެބްސައިޓުގައި އަޕްޑޭޓް ނުވާކަން ސާމާލުކަމަށް އައިސްފައިވާ ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ވަނަވަރު ހާމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ހަރުދަނާ ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެއީ ވަގުތު ނަގާ މަސައްކަތެއް ކަމަށެވެ.
އޮފެންޑާސް އެމްވީގެ ވެބްސައިޓްގައި ފަރުމާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެ ޝަރީއަތުން ހުކުމެއް އިއްވާފައިވާ މީހުންގެ މައުލޫމާތު ހިމަނާފައިވާ ޑޭޓާބޭސްގެ ބޭނުން ފަސޭހައިން އާއްމުންނަށް ހޯދައިގަތުމަށްމަށް މަގު ފަހި ކޮށްދިނުމުގެ ގޮތުންނެވެ. މިޑޭޓާބޭސްއަކީ 2009 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 57 ވަނަ މާއްދާ ގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ގާއިމްކޮށްފައިވާ ޑޭޓާބޭސްއެކެވެ. ޑޭޓާބޭސްގައި އާއްމު ކޮށްފައިވާ އެންމެންނަކީވެސް، ގާނޫނު ނަމްބަރު 12/2009 ގެ ދަށުން ޙުކުމް ކޮށްފައިވާ މީހުންނެވެ. މިޑޭޓާބޭސްގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގަވާއިދު ގެ 6 ވަނަ މާއްދާ ގައި ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރުގައި އާއްމުކުރަން ލާޒިމް މައުލޫމާތުތަކެކެވެ.
އޮފެންޑާސް އެމްވީގެ ވެބްސައިޓްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައުލޫމާތު ހިމެނޭ ޑޭޓާބޭސްގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައާ ގުޅޭ ތަފާތު މައުލޫމާތާއި، ޖިންސީ ގޯނާއިން ކުދިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ މައުލޫމާތު ލިބެން ޖެހެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭގޮތުން އާއްމު ފަރާތްތަކުން އެންމެ ބޮޑަށް އޮޅުންފިލުވަން ބޭނުންވާނެ ކަމަށް ފެންނަ ސުވާލުތަކާއި، އޭގެ ޖަވާބުވެސް މި ވެބްސައިޓުން ފެންނަން ހުންނަންޖެހެއެވެ.