ކ. މާލެ
|
12 ޖެނުއަރީ 2022 | ބުދަ 22:49
މަގުމަތީގައި މީހުން އުޅުން
މަގުމަތީގައި މީހުން އުޅުން
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑްގެ ހާލަތު
މާލެ ސަރަހައްދުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 260ން މައްޗަށް
ފާއިތުވި 24 ގަޑިއިރު 5،513 ސާމްޕަލް ޓެސްޓްކޮށްފައިވޭ
267 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން
އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 158 މީހުން
ރިސޯޓްތަކުން 83 މީހުން ޕޮޒިޓިވްވެފައިވޭ

މާލެ ސަރަހައްދުން ބުދަ ދުވަހު ކޮވިޑް ޖެހުނު މީހުންގެ އަދަދު 260ން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ފާއިތުވި 24 ގަޑިއިރު 5،513 ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 267 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 158 މީހުންނެވެ. އަދި ރިސޯޓްތަކުން 83 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 28 މީހަކު ޕޮޒިޓިވްވެފައިވަނީ ކޮންތަނަކުން ކަމެއް ދެނެގަނެވިފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 99،635ށް އަރާފައެވެ. މީގެތެރެއިން 94،702 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 4،656 ކޭހެއް އަންނަނީ ގުނަމުންނެވެ. މީގެތެރެއިން 21 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އަދި 264 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސް އިތުރުވެ، ހަފުތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތައަށްވުރެ ވަނީ މަތިވެފައެވެ. ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ މިހާރު ދަނީ އިތުރު ފިޔަވަޅުތައް އަޅަމުންނެވެ. ރާއްޖޭގައި ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު އާންމުންނަށް ބޫސްޓަރ ޑޯޒް ޖެހުމަށް ހުޅުވާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގައިވެސް އޮމިކްރޯން ވޭރިއަންޓުގެ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ ފާތިމަތު ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ. ޑރ ނަޒްލާ ވިދާޅުވީ، އެހެން ގައުމުތަކުގައިވެސް އޮމިކްރޯން ވޭރިއަންޓު ހަލުވިކޮށް ފެތުރެމުންދާ ކަމަށެވެ. އަދި ކޭސްތައް ދެގުނަވާ ނިސްބަތް އެހެން ވޭރިއަންޓުތަކާ އަޅާބަލާއިރު މަތިކަމަށް ވިދާޅުވިއެވެ. އެގޮތުން އެއް ދުވަހާ ތިން ދުވަހާ ދޭތެރޭގައި ކޭސްތައް ދެގުނަވަމުންދާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މިހާރު ޑެލްޓާއާއި އޮމިކްރޯން ވޭރިއަންޓު އުޅުނުކަމުގައިވިޔަސް، ކުރިއަށް އޮތް ތަނުގައި ގިނަވާނީ އޮމިކްރޯން ވޭރިއަންޓު ކަމަށްވެސް ނަޒްލާ ލަފާ ކުރައްވައެވެ.

- ކޮމެންޓް