ކ. މާލެ
|
12 ޖެނުއަރީ 2022 | ބުދަ 22:17
އަހުމަދު ނިހާން ހުސައިންމަނިކު
އަހުމަދު ނިހާން ހުސައިންމަނިކު
މުހައްމަދު ފަޒީން
ނިހާންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން
ނިހާންގެ މައްޗަށް ކުރާ 6 ދައުވާގެ އަޑުއެހުން ބުރާސްފަތި ދުވަހު
އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 9 ޖަހާއިރު
ދައުލަތުން އެދިފައިވަނީ ނިހާންގެ ރޮލެކްސް ގަޑިއާއި، އޭނާ ރިޝްވަތާއި މަނީ ލޯންޑަރ ކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް

ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ 6 ދައުވާގެ އަޑުއެހުން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މިމައްސަލައިގެ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 9 ޖަހާއިރުއެވެ.

މިމައްސަލައިގެ އެންމެފަހުން އޮތް ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން އެދިފައިވަނީ، ނިހާންގެ ރޮލެކްސް ގަޑިއާއި، އޭނާ ރިޝްވަތާއި މަނީ ލޯންޑަރ ކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށެވެ. މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަހުގީގުކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ. 

ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފްސީލުތައް:

މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިވެގެން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުގެ -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެއް

އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެންޖެހޭ ހާލަތުގައި، އަދީބު މެދުވެރިވެގެން -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާ

2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ

އަހުމަދު އަދީބު އަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ.

މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ.ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި -/650،000 (ހަ ސަތޭކަ ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަހުމަދު އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ

އަހުމަދު އަދީބު އަބްދުލްޣަފޫރު އެ އަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ

ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014އިން ފެށިގެން 2019އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާކަން ޕީޖީ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ދައުލަތުން ވަނީ ފައިސާގެ އިތުރުން ނިހާނުގެ ރޮލެކްސް ގަޑިވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.

- ކޮމެންޓް