ކ. މާލެ
|
12 ޖެނުއަރީ 2022 | ބުދަ 14:28
ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެންދަނީ
ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެންދަނީ
ރާއްޖެއެމްވީ
ކޮންޓެކްޓް ޓްރޭސް ކުރުން
ކޮންޓެކްޓް ޓްރޭސްކުރަން ދަތިވެ، ޑައިރެކްޓް ކޮންޓެކްޓުންގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެ
 
އާންމުކޮށް ކުރިއަށްގެންދާ ގޮތަށް ޕޮޒިޓިވްވާ ހުރިހާ ފަރާތްތަކަށް ގުޅާ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ދަތި
 
ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހާގެ ކޮންޓެކްޓުންގެ މައުލޫމާތު ވީހާވެސް އަވަހަށް ހޯދައި ދެނެގަތުމަށްފަހު އެކަން އެންގުމަށް ވަނީ އެދިފައި
 
ޓެސްޓުކުރުމަށް ސާމްޕަލެއް ނަގާފައިވާނަމަ "ކޮވިޑް ސޭފް" ޕޯޓަލް މެދުވެރިކޮށް ނަތީޖާ ބެލުމަށް ވަނީ އަންގާފައި

ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ދަތިވެ މާލެ ސަރަހައްދުން ޕޮޒިޓިވްވާ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަޙައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ، އާންމުކޮށް ކުރިއަށްގެންދާ ގޮތަށް ޕޮޒިޓިވްވާ ހުރިހާ ފަރާތްތަކަށް ގުޅާ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ދަތިވާ ކަމަށެވެ. އެހެންކަމުން ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހާގެ ކޮންޓެކްޓުންގެ މައުލޫމާތު ވީހާވެސް އަވަހަށް ހޯދައި ދެނެގަތުމަށްފަހު އެކަން ލިޔުމުން އެންގުން އަވަސްކުރުމުގެ ގޮތުން ޕޮޒިޓިވްވެފައިވާ މީހުންގެ ފަރާތުން އެ އެޖެންސީއަށް އީމެއިލް ގެ ޒަރިއްޔާއިން ފޮނުވުމަށް ވަނީ އެދިފައެވެ.

އެގޮތުން ޕޮޒިޓިވްވެފައިވާކަން އެންގުމުގައި ލަސްވުމުގެ ފުރުޞަތު އޮތުމުން، ކޮވިޑް-19ށް ޓެސްޓުކުރުމަށް ސާމްޕަލެއް ނަގާފައިވާނަމަ "ކޮވިޑް ސޭފް" ޕޯޓަލް މެދުވެރިކޮށް ނަތީޖާ ބެލުމަށް ވަނީ އަންގާފައެވެ. އަދި ކޮވިޑު-19 ގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަން އެނގުމުން [email protected] އީމެއިލް އަށް ޕޮޒިޓިވް މީހާގެ މަލޫމާތު (ނަން، އައިޑީ / ޕާސްޕޯރޓް ނަންބަރ، ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ ތަފްސީލް) އަދި ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތަކުގެ ލިސްޓް (ނަން، އައިޑީ/ ޕާސްޕޯރޓް ނަންބަރ، ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ ތަފްސީލް އަދި ޕޮޒިޓިވް ވި ފަރާތާއި ދިމާވި ތާރީޚް) ފޮނުވުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން މި މައުލޫމާތު އަމިއްލައަށް ފޮނުވުމަށް ދަތިވާ މީހުން (ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި އަމިއްލައަށް އެފަދަ ކަމެއް ނުކުރެވޭނެ މީހުން)ގެ މައުލޫމާތު އެ މީހެއްގެ ނުވަތަ އެ ކުއްޖެއްގެ ބެލެނިވެރިޔާގެ ފަރާތުން ފޯރުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އަދި އިތުރު އުދަގުލެއްވާނަމަ ޞިއްޙީ ޚިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދުމަށާއި، ބައްޔާ ގުޅިގެން އިތުރުކަމެއްފާހަގަ ކުރަން ބޭނުންވާނަމަ 1676 އަށް ގުޅައިގެން އެކަމެއް ރިޕޯޓުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މާލެ ސަރަޙައްދުގައި ކޮވިޑް-19 ގެ ކޭސް އިތުރުވެ އަދި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސައްތައަށްވުރެ މަތިވެފައިވާތީ 10 ޖަނަވަރީ 2022 އިން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅަން ވަނީ ނިންމާފައެވެ.

އެގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރ ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުމަށާއި، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ 10 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުން އަދި ކަރަންޓީނުން ދޫކުރެވޭނީ 10 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނެއެވެ. މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން 'ކޮވިޑްސޭފް' ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކާފައި ދަތުރުކުރުމަށާއި، ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން 'ހާލުބެލުން ޕޯޓަލް' އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް ވަނީ އެދިފައެވެ.

"އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެނިފައިވާތީއާއި މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމާއި، 50 މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ މިފަދަ ކަންކަން އެޗްޕީއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށް ވަނީ އަންގާފައެވެ.

އަދި މަގުމަތީ ބާޒާރުތައް ނުބޭއްވުމާއި، ކުޅިވަރު މުބާރާތްތައް، ކުޅިބަލާމީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ.

ކޮމެންޓް