ކ. މާލެ
|
12 ޖެނުއަރީ 2022 | ބުދަ 14:20
ފުއާދު ތައުފީގް - އިލެކްޝަން ކޮމިޝަންގެ ރައީސް
ފުއާދު ތައުފީގް - އިލެކްޝަން ކޮމިޝަންގެ ރައީސް
ރާއްޖެއެމްވީ
ކޮމަންޑޫ ބައި އިލެކްޝަން
ކޮޮމަންޑޫ ބައި އިލެކްޝަނާ ގުޅިގެން ބަޖެޓްގައި ނުހިމެނޭ ކަމެއް ހިނގާނަމަ ޝަކުވާ ހުށަހެޅުމަށް އީސީން އެދިއްޖެ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ތައްޔާރީތައް އީސީން އަންނަނީ ވަމުން
ބަޖެޓްގައި ނުހިމެނޭ ކަންކަން ފެށުމަކީ އިންތިޚާބަށް ނުފޫޒު ފޯރާނެ ކަމެއް
ނުފޫޒެއް އެއްވެސް ފަރާތަކުން ފޯރުވާނަމަ ޝަކުވާ ހުށަހެޅުމުން އެކަން ބަލައި ފިޔަވަޅު އަޅާނެ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން ދައުލަތުގެ ބަޖެޓުގައި ނުހިމެނޭ ކަމެއް އެއްވެސް ފަރާތަކުން ހިންގާ ނަމަ ޝަކުވާ ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން އެދިއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ވިދާޅުވީ، ނުރަސްމީކޮށް އީސީއަށް އެފަދަ ޝަކުވާ ހުށަހެޅެމުންދާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓްގައި ނުހިމެނޭ ކަމެއް އަދި މި އިންތިޚާބާ ދިމާކޮށް ކުރިއަށްދާނަމަ ނުވަތަ އެއްވެސް ނުފޫޒެއް އެއްވެސް ފަރާތަކުން ފޯރުވާނަމަ އެކަމުގެ ޝަކުވާ ރަސްމީކޮށް ހުށަހެޅުމުން އީސީން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ބަޖެޓްގައި ނުހިމެނޭ ކަންކަން އިންތިޚާބަކާ ދިމާކޮށް ފެށުމަކީ އިންތިޚާބަށް ނުފޫޒު ފޯރާނެ ކަމެއްކަން ފުއާދު ފާހަގަކުރެއްވިއެވެ. އެފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

މިވާހަކަ ފެންމަތިވެފައި މިވަނީ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓްގެ ކެމްޕެއިން ލޯންޗް ކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ކޮމަންޑޫއާއި ކައިރީ އޮންނަ ފަޅު ރަށެއް ކަމުގައިވާ މަތި ކޮމަންޑޫގެ ފަޅުން ބޮޑު ބައެއް ހިއްކުމަށާއި، ދެ ރަށް ބްރިޖަކުން ގުޅުވާލުމުގެ މަޝްރޫއު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ތައްޔާރީތައް އީސީން އަންނަނީ ވަމުންނެވެ. އިންތިޚާބު އޮންނާނީ، ފެބްރުއަރީ 5ވަނަ ދުވަހުއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރާޝިދެވެ. ރާޝިދަކީ މިދިޔަ ތިން ދައުރުވެސް ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި މޫސާ ފަތުހީއެވެ. ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ފަތުހީއަކީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަންވެސް ކުރެއްވި ބޭފުޅެކެވެ.

އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލް ހަންނާން އިދުރީސްއެވެ.

- ކޮމެންޓް