ގައުމުގެ ޚާރިޖީ ސިޔާސަތު ހަލަބޮލިކޮށްލަން ކުރާ މަސައްކަތުން ދިގު މުއްދަތަކަށް ގެއްލުންވާނީ އާންމު ރައްޔިތުންނަށް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އޮންލައިން މީޑިއާއަކަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވީ، ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކީ ހުރިހާ ގައުމާކާ ގުޅުން ބަދަހި ކުރުން ކަމަށާއި، އެއީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އަދި ތާރީޚީ ގޮތުން ރާއްޖެއަށް އެހީތެރިކަން އައިސްފައިހުރި ގޮތް ދެނެގަންނަން ޖެހޭ ކަމަށެވެ.
ޝާހިދު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް މުހިންމު ގައުމެއްކަމަށް ރައީސް ޔާމީންވެސް ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ނާޒުކު ކަމާއި، އިންޑިއާއިން ރާއްޖެއަށް އައިސްފައިހުރި އެހީތަކާއި، އިންޑިއާ ދިމާކޮށްގެން ސިޔާސީ ޖަޒުބާތުގައި ޖެހިގެން އޮތް ނުރައްކަލުގެ ވާހަކަ ރައީސް ޔާމީންވެސް ވިދާޅުވެފައިވާކަމަށެވެ. އެހެންކަމުން އެވަގުތަކު އެމީހަކު އެހުންނަ ތަނުގެ ގޮތުން ސިޔާސަތަށް އެހާ ބޮޑެތި ބަދަލު ގެނެސް ހަލަބޮލިކޮށްލުން އެއީ މުޅި ގައުމަށް ޚާއްސަކޮށް އާންމު ރައްޔިތުންނަށް އެކަމުން ނުރައްކާ އޮތް ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އާންމު ރައްޔިތުންނަށް މާގިނަ ގައުމަކަށް ބޭސް ފަރުވާއަށް ނުދެވޭނެ ކަމަށާއި، އެހެންނަމަވެސް އެ ވާހަކަ ދައްކަވާ ބޭފުޅުންނަށް ސިންގަޕޯރ، ދުބާއީ އަދި ތުރުކީ ފަދަ ތަންތަނަށް ބޭސް ފަރުވާއަށް ދެވިދާނެ ކަމަށެވެ. އަދި ލޮކްޑައުންގައި ހުރިހާ ގައުމަކަށް ބޯޑަރު ބަންދުކޮށްލިއިރުވެސް ދިވެހިންނަށް ބޯޑަރު ހުޅުވާލި ހަމަ އެކަނި ގައުމަކީ އިންޑިއާ ކަމަށާއި، އިންޑިއާއަށް އެރުމުގެ ހުއްދައޮތް ހަމަ އެކަނި ބަޔަކީ ދިވެހިން ކަމަށެވެ. އެހެންކަމުން އެގޮތަށް އޮތް ކަމެއްގެ ތެރެއަށް ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން އަދި، އޭރަކު އެމީހަކަށް ސިޔާސީ ގޮތުން ދިމާވެފައި އޮތް ހާލަތެއްގެ ސަބަބުން ކަމަށްވިޔަސް އެއީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް ގެއްލުން ލިބޭނީ އާންމު ރައްޔިތުންނަށްކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ދިވެހިން އެކި ބޭނުންތަކުގައި އެންމެ ގިނައިން ދަނީ އިންޑިއާއަށް ކަމަށެވެ.
އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކާއި، އަޅުގަނޑުމެންނާއި ޒަމާންވީ އެކުވެރި ގުޅުމެއް އޮންނަ ގައުމުތަކާއި، އަޅުގަނޑުމެންގެ އަވަށްޓެރިންނާ ދިމާކޮށް، ހިތު ހުރިހާ އެއްޗެއް ގޮވައި، ބަހުގެ ހަމަލާތައް ދިނުން، އެއީ ވަރަށް ތިލަ ވިސްނުމަކުން ކުރެވޭ ކަންކަން، ކުރާ ޒާތުގެ ކަންކަމެއް ނޫންއަބްދުﷲ ޝާހިދު / ފޮރިން މިނިސްޓަރ
ދިވެހިންނަށް ދިމާވާ ބޮޑު ކޮންމެ ކަމެއްގައި އެހީތެރިކަން ފުރަތަމަ ދޭބަޔަކީ އިންޑިއާ ކަމަށާއި، އެ ގާތް އެކުވެރިކަން އަމިއްލަ ޒާތީ ފައިދާއަށް ނައްތާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެ އެހީތެރިކަމަކީ، ވަކި ވެރިކަމެއްގައި ލިބޭ އެހީތެރިކަމެއް ނޫންކަން ފާހަގަކުރަައްވައި ޝާހިދު ވިދާޅުވީ، ކޮންމެ ވެރިކަމެއްގައިވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން މިއީ ވަކި ސަރުކާރަކާ އޮތް ގުޅުމެއް ނޫން ކަމަށެވެ. އެހެން އޮތް ގުޅުމަކަށް ޒާތީ ތައްސުބުގައި ސިޔާސަތާ ކުޅެގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އުދުވާނީ ހަމަލާއެއް ދެވުނުއިރު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫން، ސުނާމީ ކާރިސާގެ ދުވަސްވަރު ހުންނެވީ ވެސް ރައީސް މައުމޫން، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި އެހީވިއިރު ހުންނެވީ ރައީސް ޔާމީން، ކޮވިޑް-19 ގެ ޕެންޑެމިކްގައި އެހީވިއިރު އެ ހުންނެވީ ރައީސް ސޯލިހުއަބްދުﷲ ޝާހިދު / ފޮރިން މިނިސްޓަރ
ހުރިހާ ގައުމަކާ ގުޅިގެން އުޅުމަކީ ރައީސް ސާލިހުގެ ޚާރިޖީ ސިޔާސަތު ކަމަށާއި، އެމަނިކުފާނު ގެންދަވަނީ އެ ސިޔާސަތު ތަންފީޒުކުރަމުން ކަމަށެވެ. އެގައުމަކީ ބައިނަލްއަގުއާމީ އުސޫލްތަކަށް ތަބާވާ ގައުމަކަށްވާނަމަ، އެ ގައުމަކާ ގުޅުން ބަދަހި ކުރައްވާ ކަމަށެވެ.
އެތެރޭގެ ޚިޔާލު ތަފާތުވުންތައް ބޭނުންކޮށްގެން ގައުމުތަކާ ދިމާކުރުން އެއީ ރާއްޖެއަށް ފައިދާ ކުރާނެ ކަމެއް ނޫންކަން ތަކުރާރު ކުރައްވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ މުޅި އިގްތިސާދު އޮތީ ބޭރުގެ ގައުމުތަކަށް ބަރޯސާވެފައި ކަމަށެވެ. ކޮންމެ ސިނާއަތަކީ ބޭރުގެ މާރކެޓަށް ބަރޯސާވެފައިވާ ސިނާއަތެއް ކަމަށާއި، އެ މާރކެޓްތަކާ ދިމާކުރުމަކީ ހަމަޖެހޭ އުސުލެއް ނޫން ކަމަށެވެ.
ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގައި އޮންނަ އެންމެ އަސާސީ މައިގަނޑު ކަމަކީ، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުން ކަމަށާއި، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު އޮންނާނީ ރައްޔިތުންނަށް ފައިދާހުރިގޮތަށް ބިނާވެފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.