ކ. މާލެ
|
10 ޖެނުއަރީ 2022 | ހޯމަ 00:51
ޕްރެޒިޑެންޓްސް ކަޕުގައި އީގަލްސްއިން މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ޕްރެޒިޑެންޓްސް ކަޕުގައި އީގަލްސްއިން މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
މިހާރު
ޕްރެޒިޑެންޓްސް ކަޕް
އީގަލްސްއިން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފި
ދަ ގްރާންޑޭގެ މައްޗަށް އީގަލްސްއިން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުން

ޕްރެޒިޑެންޓްސް ކަޕުގައި ކްލަބް އީގަލްސްއިން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފިއެވެ.

އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްގެ އަލީ އަޒުވާނަށް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ދަ ގްރާންޑޭއިން ވަނީ މެޗުގެ 30 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުސްރިފް މޫސާއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ދަ ގްރާންޑޭއަށް އަލަށް ގުޅުނު ޖަޕާނުގެ މިޑްފިލްޑަރު ޔޫގޯ ކަވަބާޓާގެ އެހީތެރިކަމާއެކުގައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މުސްރިފްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ނަޒީހުއެވެ.

އެކަމަކު އީގަލްސްއިން ވަނީ މެޗުގެ 60 މިނެޓުގައި ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޒްވާން އަޙްމަދު (ރިޒޭ)އެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި އީގަލްސްގެ ހަސަން ރާއިފް އަހްމަދު (ހަންނަ) ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުން އީގަލްސް މޮޅުވި ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހުމައިދު ހުސައިންއެވެ.

މި ނަތީޖާއާއެކު އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ 15 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އީގަލްސް އާއި ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

- ކޮމެންޓް