އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ވޯޓްލާން މީހުން ނުނިކުންނަ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ކުރިއަށްހުރި ބައި އިލެކްޝަންސްތަކަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން އީސީގެ މެމްބަރު ޑރ. މުޙައްމަދު ޒާހިރު ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ވޯޓްލާން މީހުން ނުނިކުންނަ ސަބަބު ދެނެގަތުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް ދިޔަ ނަމަވެސް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކުގެ ތެރެއިންވެސް މިކަންތައްތައް ބަލަމުން އަންނަކަމަށް ޒާހިރު ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން މަޤާމުން ވަކިވުމާ ގުޅިގެން ވަރަށް ގިނަ އަދަދަކަށް ބައި އިލެކްޝަންތައް އަންނަނީ ބާއްވަމުންނެވެ. އަދި މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނު ނަމަވެސް އިންތިޚާބުތައް ބޭއްވުމަށް ބޮޑު ޚަރަދެއް ހިނގައެވެ. އެހެންކަމުން މި ޚަރަދުތައް ކުޑަ ކުރުމަށްޓަކައި ޤާނޫނެއްގެ ތެރެއިން ކޮންމެ 6 މަހަކުން އިންތިޚާބުތައް ބާއްވާގޮތަށް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.
ޒާހިރު އިތުރަށް ވިދާޅުވީ ޑަބްލިއުޑީސީގެ މެމްބަރުންނަށް އެލަވަންސެއްވެސް ކަނޑައަޅާފައި އޮތް ނަމަވެސް ކޮންމެ މަހަކު މެމްބަރުންތަކެއް މަޤާމުން ވަކިވާ ކަމަށެވެ. އެއީ ސީދާ އެފަރާތްތަކުގެ ދައުރު އޮންނަގޮތުން ކަމެއް ނުވަތަ އެހެން ސަބަބަކާހުރެ ކަމެއް ސާފުނުވާކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ މިކަމުގެ ސަބަބު ދެނެގަތުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.