އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއުޑީސީ) ރަށު ކައުންސިލްތަކުން ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒު ހުކުރު ދުވަހުގެ ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ބަދަލު ގެންނަން ނިންމާފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމުގެ މަޤްސަދުގައެވެ.
އަދި މި ބަދަލާއެކު، ކޮމިޓީތަކުގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އިނާޔަތްތައް ކޮމިޓީތަކުގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްތަކުގެ ބަޖެޓުން ދޭ ގޮތަށްވެސް ހަމަޖެހިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ބަދަލުތައް ތަންފީޒުކުރެވޭނީ އަންނަ އަހަރުގެ ބަޖެޓާއެކުގައި ކަމަށް ރައީސް މުއިއްޒު ފާހަގަކުރައްވާފައިވެއެވެ. އަންނަ އަހަރުގެ ބަޖެޓު އޮކްޓޯބަރު މަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން މި ބަދަލުތައް ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ތިރީގައިވާ 2 ބަދަލު ގެނައުމަށް ވާނީ ނިންމާފައި:
— Dr Mohamed Muizzu (@MMuizzu) September 5, 2025
ް1. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން…
މިއީ އަންހެނުންގެ ކޮމިޓީތަކަށް ލިބޭ އިނާޔަތްތައް އިތުރުކުރުމަށް ސަރުކާރުން އަޅުއްވާ އިތުރު ފިޔަވަޅެކެވެ. މީގެ ކުރިން، މިދިޔަ ފެބްރުއަރީ 19 ގައި ޑަބްލިއުޑީސީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖެހިގެން ދިޔައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، އަންހެނުންގެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނުތައް ފޯރުކޮށްދިނުމުގެ ޒިންމާ ކައުންސިލްތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ހަވާލުކުރެވިފައިވެއެވެ. މީގެ އިތުރުން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އައު އުސޫލުތަކެއްވެސް އެކުލަވާލެވިފައިވެއެވެ.
އޭގެ އިތުރުން ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފަދައިން ދޫކުރާ ފައިސާ، ކޮމިޓީތަކުން ބޭނުން ކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކުރުމަށްވެސް ހިމަނާފައިވެއެވެ.